16 އެޕްރީލް 2023 - 07:16

މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ބިގް ބޭންގް ތިއަރީ" ގެ އާ ސްޕިން އޮފެއް އިއުލާނުކޮށްފި އެވެ.

ދެހާހުގެ ކުރީކޮޅު މަގްބޫލުކަން ހޯދި "ބިގް ބޭންގް ތިއަރީ" ޝޯ އަދި އޭގެ ސްޕިން އޮފް "ޔަންގް ޝެލްޑަން" ވެސް އުފެއްދި ޗަކް ލޯރް މިހާރު އަންނަނީ، އަދި ވަކި ނަމެއް ދީފައި ނުވާ އެ ސީރީޒް އުފެއްދުމުގެ މަސައްކަތް ކުރަމުންކަން "ވާނާ ބްރޯސް. ޑިސްކަވަރީ" ގެ ޕްރެސްޑޭގައި ވަނީ އިއުލާނުކޮށްފަ އެވެ.

އެ ސީރީޒް ހަދައިފިނަމަ، ޕްރިމިއާ ކުރާނީ އެޗްބީއޯ މެކްސް އިން ދާދި ފަހުން ރިބްރޭންޑުކޮށް ހުޅުވި "މެކްސް" ސްޓްރީމިން ޕްލެޓްފޯމުގަ އެވެ.
"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، އެ ސީރީޒްގެ ޕްލޮޓް އަދި ހާމަނުކުރި ނަމަވެސް، އޭގެ މެއިން ކެރެކްޓާއިންގެ ގޮތުގައި އުޅޭނީ އާ ކާސްޓުންނެވެ. "ބިގް ބޭންގް ތިއަރީ" އަސްލު ޝޯގެ އެކްޓަރުންގެ ގެސްޓް އެޕިއަރެންސް ފެންނާނެ ކަމަށް އެ ނޫހުން ލަފާކޮށްފައިވެ އެވެ.
"ދަ ބިގް ބޭންގް ތިއަރީ" 2007 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރާ ހަމައަށް، ޖުމްލަ 12 ސީޒަނެއް ނެރެފައި ވަނީ އެމެރިކާގެ ސީބީއެސް ނެޓްވޯކުންނެވެ. އޭގެ ފަހުން، 2017 ވަނަ އަހަރު "ޔަންގް ޝެލްޑަން" ސީރީޒް ނިކުމެ، މިހާރު ވަނީ އެ ސީރީޒްގެ ހަތް ވަނަ ސީޒަނަށް ތައްޔާރުވާން ފަށައިފަ އެވެ.