15 އެޕްރީލް 2023 - 16:17

ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ނިއު ރޭޑިއަންޓުން ޕާކިސްތާނުގެ ގޯލްކީޕަރެއް ގެނައުމުން، އެ ޓީމަށް މި އަހަރު ސޮއިކުރި ދިވެހި ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ކޮންޓްރެކްޓް އުވާލައި ރިލީޒް ހޯދަން ހުށަހަޅައިފި އެވެ.
ތޮލާލް "މިހާރު" އަށް ބުނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން އޮފާތައް ލިބިފައިވަނިކޮށް، ދެ ވަނަ ޑިވިޝަނުގައި ކުޅެން ނިއު އަށް ސޮއިކުރީ، އެ ޓީމުން ދިވެހި ކީޕަރުންނަށް ބަރޯސާވާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.
"ފުރަތަމަ ޑިވިޝަނުން ފުރުސަތު ނެތިގެނެއް ނޫން ނިއު އަށް ސޮއިކުރީ. ނިއުއާ ގުޅުނީ މިއީ ރާއްޖޭގެ އެންމެ ބޮޑު ކްލަބަށް ވާތީ، މި ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި އެހީތެރިވާން. ބޭނުންވީ ތާރީހުގެ ތެރެއިން ޖާގަ ހޯދަން. އެކަމަކު ބޭރު ކީޕަރެއް ގެންނަ ވާހަކަ ބުނެފައި އޮތް ނަމަ ސޮއިނުކުރީސް،" ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ އާއި ވެލެންސިއާގެ ކުރީގެ ކީޕަރު ބުންޏެވެ.
ތޮލާލް ބުނީ ބަރޯސާވާނީ ދިވެހި ކީޕަރުންނަށް ކަމަށް ބުނެފައި އޮއްވާ އިއްޔެ ކުއްލިއަކަށް ފެނުނީ ޕާކިސްތާން ކީޕަރެއް ގެނައި ވާހަކަ ކްލަބުގެ ފޭސްބުކް ޕޭޖުގައި ޖަހާފައި އޮއްވާ ކަމަށެވެ.
"މައްސަލައަކީ ދިވެހިން، ދިވެހި ކީޕަރުންނަށް އިތުބާރު ނުކުރުން،" މާޔޫސްވެފައި ހުރި ތޮލާލް ބުންޏެވެ.
ނިއުގެ ޗެއާމަން އަހުމަދު ވާސިފް "މިހާރު" އަށް ވިދާޅުވީ މެނޭޖްމަންޓުން ކުޅުންތެރިން ހޯދަނީ ކޯޗު ބޭނުންވާ ކަންކަމަށް ބަލާފައި ކަމަށާއި ތޮލާލް ގެނައީ ވެސް ކޯޗުގެ އެދުމުގެ މަތިން ކަމަށެވެ.
"އެކަމަކު އިދިކޮޅު ޓީމުތަކަށް އަންނަ ބަދަލުތަކާ އެކު، ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ކޯޗު ގެންނާނެ. އެގޮތުން ކޯޗު އެދުނީ ބޭރު ކީޕަރެއް ހޯދަން،" ބިދޭސީ ކީޕަރަކު ހޯދަން ޖެހުނު ސަބަބާ ބެހޭގޮތުން ވާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތޮލާލް އެދުނު ގޮތަށް ރިލީޒް ދޭނެ ކަމަށާއި ކުޅުންތެރިއެއްގެ ކުރިއެރުމަށް ކްލަބުން ހުރަސްނާޅާނެ ކަމަށެވެ.
ތޮލާލް، 33، ބުނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ފުރަގަސް ދީފައި ދެން އަލުން އޭގެން ޓީމަކަށް މި ސީޒަނުގައި ދާން އުނދަގޫވާނެ ކަމަށާއި އަމުދުން ކްލަބްތަކުގައި މާލީ މައްސަލަތައް ހުއްޓާ އެއީ ދަތިކަމަށް ވާނެ ކަމަށެވެ.
"އެކަމަކު މިދިޔަ އަހަރު އޭއެފްސީ ކަޕުގައި މި އަހަރު ދެ ވަނަ ޑިވިޝަނުގެ ޓީމެއްގެ ބެންޗުގައި ހުންނަން ބޭނުމެއް ނޫން. މިއީ އަޅުގަނޑުގެ ކެރިއަރުގެ ޕީކު. ބޭނުންވޭ ކުޅުމުގެ ފުރުސަތު ހޯދަން. އެކަމަށް މަސައްކަތްކުރާނަން،" ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ތޮލާލް ބުންޏެވެ.
ނިއު އިން ގެނައި ޕާކިސްތާން ކީޕަރަކީ އެ ގައުމުގައި ލީގުގައި ކުޅެފައިވާ އަބްދުލްބާސިތެވެ. މިއީ އަހުމަދު ނިމާދު (ނިމާ) ގެ ބެލުމުގެ ދަށުން ތައްޔާރުވާ ޓީމުން ގެނައި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ދިވެހި ކުޅުންތެރިންނަށް ބަލާއިރު ނިއު އިން ވަނީ މާޒިޔާ އާއި އީގަލްސްގެ ކުރީގެ މިޑްފީލްޑަރު ޔަސްފާބު ހަބީބް (މުލަކޭ) އާއި ޓީސީގެ ކުރީގެ ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) އަދި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ގެނެސްފަ އެވެ.
ނިއު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ، ކުޅުންތެރިންނާއި ކޯޗުންނަށް ދަރައި، ބަނގުރޫޓުވެފައި އޮތުމުން އެފްއޭއެމުން ދިން އަދަބެއްގެ ސަބަބުންނެވެ. އެ ހިސާބުން ކްލަބް ހަރަކާތެއް ނެތި އޮތުމަށް ފަހު، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ބައިވެރިވީ، އަލަށް ހަވާލުވި މެނޭޖްމަންޓުގެ މަސައްކަތުންނެވެ. އެކަމަކު، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ނުދެވުމުން، ފުރަތަމަ ޑިވިޝަން ކޮލިފައިންގައި ވާދަކުރެވޭ ގޮތް ނުވީ އެވެ.