15 އެޕްރީލް 2023 - 15:47

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބުން އޮތީ ފަށާ ގޮތަށް ބޮންތީގައި ހިފުމުގެ ވިސްނުމަށް ވުރެ، ދެމެހެއްޓެނިވިކޮށް ކުރިއަށް ދިއުމުގެ ވިސްނުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވި ބުރުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.
ނިޒާމްބެ ބުނީ އަލަށް އަންނަ ޓީމަކަށް ވުމުން ޓީމު އެކުލަވާލުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި އެކަމަށް އެކަށީގެންވާ ވަގުތު ވެސް ނުލިބޭތީ މުބާރާތުގައި ބައިވެރިނުވާން ވިސްނި ކަމަށެވެ.
"ފައިސާގެ ގޮތުން ކްލަބް އޮތީ ފުދިފައި. އެފަދަ މައްސަލައެއް ނެތް. އެކަމަކު ބޭނުންވީ ފުރަތަމަ ފެނިލުން ވެސް ރަނގަޅަށް ފެނިލަން. އެހެންވެ އެ ވަރަށް ތައްޔާރުނުވެވޭތީ މުބާރާތުގައި ބައިވެރިނުވާން ވިސްނިން،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ހަފުތާއެއްގެ ޕްރެކްޓިހަށް ފަހު މުބާރާތުގައި ވާދަކުރަނީ، މި މުބާރާތަކީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމަށްޓަކައި ޓީމުގެ ފެންވަރު ދެނެގަންނަން ރަނގަޅު ފުރުސަތަކަށް ވާނެތީ ކަމަށެވެ.
"ބިދޭސީ ކުޅުންތެރިން ވެސް ގެންނަން ބޭނުންވަނީ، ކުޅެފައި އެންމެ ބޭނުންވާ މަގާމުތަކަށް. އެހެންވެ މިއީ އެގޮތުން ރަނގަޅު ފުރުސަތެއް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ބުރުން ވިސްވަނީ މިހާރު ފުރަތަމަ ޑިވިޝަނުގައި އޮތް ބައެއް ކްލަބްތައް ވެއްޓިފައިވާ ހާލަތަށް ނުވެއްޓި، ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން ކަމަށާއި އެކަމަށްޓަކައި މެނޭޖްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މެނޭޖްމަންޓުގެ އޮތީ ފަށާ ގޮތަށް ބޮންތީގައި ހިފުމުގެ ވިސްނުމެއް ނޫން. އެފަދަ ޑިމާންޑެއް ނުކުރޭ އަޅުގަނޑަށްކަށް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ ކުރު މުއްދަތެއްގެ ތެރޭ ޓީމެއް އެކުލަވާލައި، އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ކޯޗެއްގެ ގޮތުގައި އޭނާ އަށް އޮތީ އުނދަގޫ ވަޒީފާއެއް ކަމަށެވެ.
އެކަމަކު ބުރަކީ އާ ޓީމަކަށް ވެސް، ވިސްނުމަކީ ރަނގަޅު ފައިޓެއް ދިނުން ކަމަށާއި އޭނާ ދެކޭ ގޮތުގައި މުބާރާތުގެ ފޭވަރިޓުންނަކީ ވެސް ބުރު ކަމަށް ނިޒާމްބެ ބުންޏެވެ.
"އެއީ ރިއަލިސްޓިކް ތޯ ނުވަތަ އަންރިއަލިސްޓިކްތޯ ބަލާނެ ކަމެއް ނެތް. އެކަމަކު މުބާރާތަށް ސީޑުކުރެވިފައިވާ ގޮތާށް ބަލާއިރު މާޒިޔާ، ދެން އީގަލްސް އެންމެ ވަރުގަދައީ. ދެން ހުރީ އެއް ފެންވަރެއްގެ ޓީމުތަކެއް،" ނިޒާމްބެ ބުންޏެވެ.
މިރޭ ބުރާ ވާދަކުރާ ޓީސީ އަކީ، ނިޒާމްބެ، ދެ ވަނަ ޑިވިޝަނުން ފެށިގެން ނަގައި ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ ފުރަތަމަ ޑިވިޝަނުގައި ވެސް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކްލަބެކެވެ.