ރޯވިތާ އިރުކޮޅެއް ފަހުންވެސް އަލިފާނާ އެކު ފްލެޓަކަށް ފިލްޓަރު އުކައިފި
ރޯވިތާ އިރުކޮޅެއް ފަހުންވެސް އަލިފާނާ އެކު ފްލެޓަކަށް ފިލްޓަރު އުކައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓެއްގައި ރޭ ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނިކޮށް، އެކަން ހިނގިތާ މާގިނައިރުތަކެއް ނުވެ އެހެން ފްލެޓަކަށް މަތިން ސިނގިރޭޓް ފިލްޓަރު އުކައިފި އެވެ.

ފްލެޓުގައި އުޅޭ މީހުން ސިނގިރޭޓް ބުއިމަށް ފަހު، އޭގެ ފިލްޓަރު ނިއްވާ ނުލާ ތިރިއަށް އެއްލާތީ، އޭގެ ސަބަބުން އެހެން ފްލެޓްތަކުގައި އުޅޭ މީހުންނަށް ވަނީ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ. އެކި ފްލެޓްތަކުގެ ބެލްކަނީގައި ރޯވެ، ނުރައްކާތެރި ހާދިސާތައް އެތަނުގައި ވަނީ އިތުރުވެފަ އެވެ.

ރޭ 8:30 ހާއިރު 7 ވަނަ ޓަވަރުގެ ފުރަތަމަ ފްލޯގައި ހުރި ފްލެޓެއްގެ ބެލްކަނީގައި ރޯވެފައިވާއިރު އެ ހާދިސާއަކީ ވެސް އެހެން އެޕާޓްމަންޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން ހިނގި ހާދިސާއެކެެވެ.

އެ ހާދިސާއަށް މާގިނައިރުތަކެއް ނުވެ، ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ވީޑިއޯއެއްގައި ވަނީ އޭނާ ދިރިއުޅޭ ފްލެޓަށް ސިނގިރޭޓް ފިލްޓަރު އުކާފައިވާ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އޭނާ ބުނީ ކުރިމަތީގައި ހުރި ފްލެޓްގައި ރޯވެފައި ވަނީ ދެންމެ ކަމަށާއި އެވަރުން ވެސް އަނެއްކާ ވެސް ސިނގިރޭޓް ފިލްޓަރު މަތިން އުކާފައިވާ ކަމަށެވެ.

"އަހަރެން މިތާ އިނދާ [ބެލްކަނިގައި] އެ ވެއްޓުނީ. މިހުރީ އަދި [ފިލްްޓަރުން] އަލިފާން ނުވެސް ނިވި،" ކަންބޮޑުވުން ފާޅުކޮށް އޭނާ ފޭސްބުކްގައި އާންމުކުރި ވީޑިއޯއާ އެކު ލިޔެފައިވެ އެވެ.

އަލިފާނާ އެކު އެތަނަށް ސިނގިރޭޓް ފިލްޓަރު އެއްލާލިއިރު ވެއްޓުނުތާ ކައިރީގައި ކުނި ކޮތަޅު ވެސް ހުއްޓެވެ.

"ވިސްނޭނީ ބައެއްގެ ފުރާނަ ދިޔައިމަބާ."

ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ސިނގިރޭޓް ފިލްޓަރުގެ ނުރައްކާތެރިކަން ބޮޑުވެ، ހުޅުމާލޭ ބަލަހައްޓަމުންދާ އާބަންކޯ އިން ވަނީ އެފަދަ ކަމެއް ކުރި މީހަކު އުޅޭ އެޕާޓްމަންޓެއް އެނގޭ ހިސާބުން ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ރޭގައި ދީފަ އެވެ.

ސިނގިރޭޓް ފިލްޓަރު އުކާ މައްސަލަ ލުއިކޮށް ނުނަގާނެ ކަމަށް ބުނެ އެ ކުންފުނިން ވަނީ އެކަން ކުރި މީހަކު ހޯދަން ޕޮލިހުންނާ އެކު މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފަ އެވެ.