ފިލްމު ޕްރޮމޯޝަންގައި މާހިރާ އާއި ޝާހްރުކް ވަކިން
ފިލްމު ޕްރޮމޯޝަންގައި މާހިރާ އާއި ޝާހްރުކް ވަކިން

ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޕްރޮމޯޝަން ޑުބާއީގައި ކުރިއަށް ދާއިރު އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މައްސަލަތަކާ ހުރެ އިންޑިއާގެ ފިލްމީ ތަރިންނާ އެކު މާހިރާ ޕްރޮމޯޝަންގެ މަސައްކަތުގައި ނުފެންނާނެ ކަމަށް ބުނެފި އެވެ.

ޕާކިސްތާނު އާޓިސްޓުން އިންޑިއާގައި މަސައްކަތްކުރުން މަނާކޮށްފައި ވާއިރު، ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅެފައިވާ "ރައީސް" އަކީ މި މައްސަލަތައް ޖެހުމުގެ މާ ކުރިން އުފައްދަން ފެށި ފިލްމެކެވެ. އެހެންވެ މި ފިލްމުގައި މި ފިލްމުގައި މާހިރާ އުޅުނަސް ފިލްމު ރިލީޒްކުރުމުގައި މައްސަލައެއް ނެތް ކަމަށް އޮތީ ކަނޑައަޅާފަ އެވެ.

ފިލްމުގެ ޕްރޮމޯޝަން މަސައްކަތަށް އިންޑިއާ އަށް ދިއުމުގެ ހުއްދަ މާހިރާ އަށް ނެތުމުން "ރައީސް" އުފެއްދި ފަރާތުން ގަސްތުކުރީ ޑުބާއީ އަށް ގެންގޮސްގެން ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުވާށެވެ. ނަމަވެސް ޑުބާއީގައި ވެސް ޝާހްރުކާ އެކު މާހިރާ ނުފެންނާނެ އެވެ. ސިޔާސީ މީހުން ރުޅިއަތުވެދާނެ ކަމެއް ކުރަން ބޭނުން ނުވީ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުންގެ މި ނިންމުމަށް މާހިރާ ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް ބެލެވެ އެވެ.

އޭނާ ބަތަލާގެ ބައި ކުޅެފައިވާ ފިލްމެއް ޕްރޮމޯޓްކުރުމުގެ ފުރުސަތު ނުލިބުނަސް މިހާތަނަށް މާހިރާ ހުރީ ވަރަށް ހަމަހިމޭނުންނެވެ. އެއްވެސް ޝަކުވާއެއް ނުކުރެ އެވެ. ނަމަވެސް އޭނާ ޑުބާއީއަށް ގެންގޮސް ޝާހްރުކާ އެކު ފިލްމު ޕްރޮމޯޓްކުރުމުގެ ފުރުސަތު ނުލިބުމުން މާހިރާ ވަނީ އޭނާގެ އުދާސްތައް ބަންޑުން ކޮށްލާފަ އެވެ.

ޕާކިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑޯން އަށް މާހިރާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި ކޮންމެވެސް ގޮތަކުން ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ. އަދި އެއީ އޭނާއަށް ލިބެން ޖެހޭނެ ހައްގެއް ކަމަށް މާހިރާ ގަބޫލު ކުރެ އެވެ.

"އަހަރެންވެސް އެ ފިލްމު ޕްރޮމޯޓްކުރަން ބޭނުން. ޝާހްރުކް އާއެކު އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާ އިންޓަވިއުކުރުމުގެ ފުރުސަތެއް ލިބެންވެސް ބޭނުން،" މާހިރާ ބުންޏެވެ.

ޑުބާއީގައި ފިލްމު ޕްރޮމޯޝަނަށް މޯލްތަކާއި ތީމް ޕާކް ފަދަ ތަންތަނަށް ފިލްމު ޕްރޮމޯޓްކުރުމަށް ޝާހްރުކް ދާން ހަމަޖެހިފައިވާއިރު މާހިރާ އަށް އޮތީ ރޭޑިއޯ ސްޓޭޝަންތަކަށް ދިއުމާއި ހޮޓަލުގައި ހުރެގެން ނޫސްތަކަށް އިންޓަވިއުތައް ދިނުމެވެ. އޭނާއަށް އެންމެ ކުޑަމިނުން ޝާހްރުކާ ބައްދަލު ވެސް ނުވި އެވެ.