މާރާމާރީ ހިންގުމުން ބަޔާނުން މާނޭ ސަސްޕެންޑްކޮށްފި
މާރާމާރީ ހިންގުމުން ބަޔާނުން މާނޭ ސަސްޕެންޑްކޮށްފި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން ބަޔާން މިއުނިކް ބަލިވި މެޗަށް ފަހު އެ ޓީމުގެ ލެެރޯއީ ސާނޭ އަށް ހަމަލާ ދިން އެ ޓީމުގެ ސަޑިއޯ މާނޭ ކްލަބުން އެއް މެޗަށް ސަސްޕެންޑްކޮށްފި އެވެ.

ބަޔާނުން ވަނީ މާދަމާ ޖަރުމަން ލީގުގައި ހޮފެއިންހަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން މާނޭ ސަސްޕެންޑްކުރުމުގެ އިތުރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ސާނޭ އާއި މާނޭއާ ދެމެދު މެޗުގެ ތެރެއިން ވެސް ޒުވާބުތަކެއް ހިނގި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މާނޭ ވަނީ އޭނާއާ ސާނޭ މުހާތަބުކުރި ގޮތާ މެޗު މެޗަށް ފަހު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އޭގެ ފަހުން ސާނޭގެ އަނގަމަތީ މާނޭ ޖެހި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާނޭ ވަނީ، ކުރީގެ ކޯޗު ޖޫލިއަން ނާގަލްސްމަންއާ ވެސް ޗޭންޖިން ރޫމުގައި މީގެ ކުރިން ޒުވާބުކޮށްފަ އެވެ. އޭނާއާ މެދު ގިނަ ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށާއި މި ސީޒަނަށް ފަހު ކްލަބުން އޭނާ ދޫކޮށްލާނެ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

ލިވަޕޫލުގައި މޮޅަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދި މާނޭ މި ސީޒަނުގައި ބަޔާނަށް ބަދަލުވީ، ލިވަޕޫލް އޭނާ ބޭނުންވި މުސާރަ ނުދިނުމުންނެވެ. ރޮބަޓް ލެވޮންޑޮސްކީ ނެތްތަން ފުރަން ގެނައި މާނޭ ވަނީ ފުރަތަމަ ހަތް މެޗުން ހަ ގޯލް ޖަހައިފަ އެވެ. ނަމަވެސް އޮކްޓޫބަރުގެ ފަހުން އަދި ގޯލެއް ނުޖެހެ އެވެ.

އަދި ނޮވެމްބަރު މަހު އަނިޔާވެ، ސެނެގާލް ޓީމާ އެކު ވޯލްޑް ކަޕަށް ވެސް ނުދެވުނެވެ. އެ އަނިޔާގެ ސަބަބުން ބަޔާނުގެ ނުވަ މެޗެއް ވެސް ގެއްލުނެވެ.