13 އެޕްރީލް 2023 - 20:50

ތިލަމާލެ ބްރިޖްގެ މައިގަނޑު ސްޓްރަކްޗާ ކަމަށްވާ ޑެކްތައް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބްރިޖްގެ ޑެކްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް ގުޅީފަޅު ކާސްޓިން ޔާޑުގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ފޮޓޯތައް ވެސް މިއަދު ފުރަތަމަ ފަހަރަށް ވަނީ އާންމުކޮށްފަ އެވެ.
ޑެކްތަކަކީ ބްރިޖްގެ މައިގަނޑު ބައެވެ. އެ ސްޓްރަކްޗާތައް އަތުރާލާނީ މިހާރު ކުރިއަށްދާ ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ނިމުމުންނެވެ.
އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ވެސް ގުޅުވާލާނެ އެވެ. އެގޮތުން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅުވާލުމުގެ ބައި މިއަހަރުގެ ޑިސެމްބަރު މަހަށް ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ޖުމްލަ 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުއަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވެ އެވެ.