14 އެޕްރީލް 2023 - 08:09

ތަމަޅަ އެކްޓަރު، ޑައިރެކްޓަރު އަދި ކޮރިއޮގްރަފާ ރާގަވާ ލޯރެންސް އަކީ މީހުންނަށް އެހީވުމުގައި ފާހަގަކޮށްލެވޭ އެކްޓަރެކެވެ. މިހާރު އޭނާގެ ވާހަކަ ދެކެވެމުން އަންނަނީ 150 ކުޑަކުދިން އެޑޮޕްޓުކޮށް، އެ ކުދިންނަށް ބޭނުންވާ ތައުލީމު ފޯރުކޮށްދޭން ނިންމުމާ އެކުގަ އެވެ.
ރާގަވާ އެކަން އިއުލާނުކުރީ ގިނަ އަދަދެއްގެ ކުދިންނާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓުކުރަމުންނެވެ.
"އަހަރެން މިހުރީ ވަރަށް އުފާވެފައި. 150 ކުދިން އެޑޮޕްޓުކޮށް އެ ކުދިންނަށް ބޭނުންވާ ތައުލީމު ދޭން ނިންމިކަމުގެ ހަބަރު ދެން. ތި އެންމެންގެ ބަރަކާތްތައް ބޭނުން،" ރާގަވާ ބުންޏެވެ.
ރާގަވާ މީގެ ކުރިން ވެސް އޭނާ ވަނީ "ލޯރެންސް ޗެރިޓެބަލް ޓްރަސްޓް" ގެ ދަށުން ގިނަ އަދަދެއްގެ ކުދިންނަށް އެހީތެރިވެފަ އެވެ.
އެ ކުދިންތައް އެޑޮޕްޓުކުރަން އޭނާ ނިންމީ ރާގަވާގެ އާ ފިލްމު "ރުދްރަން" ގެ އޯޑިއޯ ލޯންޗުކުރަން ބޭއްވި ހަފްލާގެ ފަހުންނެވެ. އޭނާ އަންނަނީ ސްކޫލު ފީ ނުދެއްކޭ ކުދިންނާއި ހިތުގެ ސާޖަރީ ހަދަން ޖެހިފައި ތިބި ޓެލުގޫ ބަހުން ވާހަކަ ދައްކާ ކުދިން، ވީހާ ވެސް އަވަހަކަށް "ލޯރެންސް ޗެރިޓެބަލް ޓްރަސްޓް" ގުޅެން އެދެމުންނެވެ.