13 އެޕްރީލް 2023 - 11:45

މި ރޯދަމަހަށް ހާއްސަކޮށް، އުރީދޫން އެމް ފައިސާ މެދުވެރިކޮށް، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެ ކުންފުނިން އެދިއްޖެ އެވެ.
އުރީދޫން، މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން ފަށާފައިވާ އެ ހަރާކަތުގައި ބައިވެރިވާން ބޭނުންވާ އެމް-ފައިސާ ކަސްޓަމަރުންނަށް އެމް-ފައިސާ އެޕް މެދުވެރިކޮށް، ރޯދަވީއްލަން ހާއްސަ ޕެކެއް ހަދިޔާ ކުރެވޭނެ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހަދިޔާ ކުރާ ޕެކުތަކެކެވެ.
އެމް-ފައިސާ މެދުވެރިކޮށް ހަދިޔާ ކުރެވޭ އެ ޕެކުގެ އަގަކީ 50ރ. އެވެ. އެ ޕެކްތަކުގައި ހިމެނޭނީ ރޯދަވީއްލުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗެވެ.
އުރީދޫން މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން ބިދޭސީންނަށް ރޯދަވީއްލާ ޕެކްތައް ހަދިޔާ ކުރުމުގެ ހަރަކާތް މީގެ ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ޕެކްތައް ހަދިޔާ ކުރުމުގެ ފުރުސަތު މި ފަހަރު ހުޅުވައިލީ މި ރޯދަމަހަށް އުރީދޫން ކަނޑައަޅާފައިވާ "ހަދިޔާ" ތީމުގެ ދަށުން، އެކަކު އަނެކަކަށް ހަދިޔާ ބަދަލުކޮށް، އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
ރޯދަމަހުގެ ފަހު 10 އިގެ ދުވަސްތައް ގުނަމުން އަންނައިރު، ކާބޯތަކެއްޗަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް، އުރީދޫން ފަހި ކޮށްދީފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެ ކުންފުނިން އެދެ އެވެ.