ބެޑްމިންޓަންގެ ޕްލޭނާ އެއްގޮތަށް އާ ކޯޗު ޓްރެއިނިން ފަށައިފި
ބެޑްމިންޓަންގެ ޕްލޭނާ އެއްގޮތަށް އާ ކޯޗު ޓްރެއިނިން ފަށައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން 2019 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި ފައިޒަލް އަބްދުލް ރަހުމާންގެ އިރުޝާދުގެ ދަށުން ޓްރެއިނިން ފަށައިފި އެވެ.

މީގެ ކުރިން ހައި ޕަފޯމަންސް ޓްރެއިނަރު ޝަންކަރުގެ ބެލުުމުގެ ދަށުން ގައުމީ ޓީމުގެ ޓްރެއިނިން ކުރިއަށްގެންދިއުމަށް ފަހު، މިހާރު ވަނީ ފައިޒަލްއާ އެކު ޓްރެއިނިން ފަށައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) "މިހާރަ"ށް މިއަދު ވިދާޅުވީ 2019ގެ އައިއޯއައިޖީއާ ހަމައަށް އާ ކޯޗު ފައިޒަލް ކުޅުންތެރިންގެ ޓްރެއިނިންގެ ހުރިހާ ކަމެއް ބަލަހައްޓާނެ ކަމަށެވެ.

"ޓްރެއިނިންގެ ހުރިހާ ކަމެއް އާ ކޯޗުގެ ބެލުމުގެ ދަށުން ކުރިޔަށްދާނީ. 2019 ގެ އައިއޯޖީގެ ޕްލޭނަށް ކޯޗުގެ ހުރިހާ މަަސައްކަތެއް ވެސް ބައްޓަން ކުރާނީ،" އިޝްފާން ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު ރާއްޖޭން ބޭރުގައި ދިގު މުއްދަތުގެ ޓްރެއިނިން ކޭމްޕްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ތަމްރީންތައް ފުރިހަމަ ކޮށްފަ އެވެ. ނަަމަވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ ވިސްނުން ހުރީ އާ ކޯޗު ފައިޒަލްގެ ބެލުމުގެ ދަށުން މާލޭގައި ތަމްރީންތައް ފުރިހަމަ ކުރުމަށެވެ.

"ދިގު މުއްދަތުގެ ޓްރެއިނިން ކޭމްޕް ތަކުގައި ދެން ކުޅުންތެރިން ނުފޮނުވުމުގެ ވިސްނުމެއް މި ވަގުތު ހުރީ. އޭގެ ބަދަލުގައި މާލޭގައި ކޯޗުގެ ބެލުމުގެ ދަށުން ޓްރެއިނިން ކުރިޔަށް ގެންގޮސްފައި. ފުރުސަތު ލިބޭ ބައިނަލްއަގްވާމީ މުބާރާތްތަކަށް ކުޅުންތެރިން ބޭރަށް ފޮނުވާނީ،" އިޝްފާން ވިދާޅުވި އެވެ.

ރީޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކަނޑައެޅި ޓާގެޓަކީ ރަން މެޑަލް ހޯދުމެވެ. އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ.

އެ ފަހަރުގެ ގޭމްސް އިން ފިލާވަޅު ހޯދައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ދުރު ރާސްތާ ޕްލޭނަކާ މިދިޔަ އަހަރު މަސައްކަތް ފަށައިފަ އެވެ.

މިގޮތުން މިދިޔަ މަހުގައި ބަންގްލަދޭޝާއި ނޭޕާލްގައި އޮތް ދެ މުބާރާތުގައި ގައުމީ ބެޑްމިންޓަން ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އަދި ރަނގަޅު ކުރިއެރުންތަކެއްް ހޯދި އެވެ. ނަތީޖާ އަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިން އިން ބޮޑު ކުރިއެރުމެއް އެ ކުޅުންތެރިންނަށް ލިބުމެވެ.