13 އެޕްރީލް 2023 - 12:02

ކޮވިޑާއި އަރިދަފުސް ރޯގާ މި ދުވަސްވަރު އިތުރުވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް އިތުރުވާން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެންނެވެ.
މި މަހުގެ މިހާތަނަށް 84 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން 73 މީހަކަށް ބަލި ޖެހުނީ މާލެ ސަރަހައްދުންނެވެ. ކޮވިޑް ޖެހިގެން 17 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ފެބްރުއަރީ މަހު 146 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓް ކުރި ނަމަވެސް މިދިޔަ މަހުގެ އަދަދަކީ 169 އެވެ.
ރޯގާ ޖެހިގެން މިދިޔަ ފެބްރުއަރީ މަހު ރިޕޯޓްކުރީ 30،628 މީހެކެވެ. އެކަމަކު ޖެހިގެން އައި މާޗް މަހު އެ އަދަދު ވަނީ 37،969 އަށް އަރައިފަ އެވެ.
އިންފްލުއެންޒާ އަށް ވެސް 62 މީހަކު މި އަހަރުގެ މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކަ އެވެ.
އެ އިދާރާ އިން ވަނީ އަރިދަފުސް ރޯގާ އާއި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކުގެ އިރުޝާދު ދީފަ އެވެ.
● ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން.
● ސައިބޯނި ލައިގެން އަތްދޮވެ، ސާފުކޮށްފައި ބެހެއްޓުން..
● ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން.
● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
● ސެނެޓައިޒާ ބޭނުުންކުރުން.
ރާއްޖެ އިން މިހާތަނަށް 185،771 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ 311 މީހަކު ވަނީ މަރުވެފަަ އެވެ.