13 އެޕްރީލް 2023 - 12:05

ނުވަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލަބަށް ކުޅުމަށް ފަހު މޫސާ ޔާމިން (ޔާމްބެ) ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލު ވެއްޖެ އެވެ.
އުމުރުން 17 އަހަރުގައި ތޮއްޑޫ ޓީމުން 2010 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ޔާމްބެ ޖެހިގެން އައި ދެ އަހަރު ވެސް ކުޅުނީ ކްލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށެވެ. އޭނާ ވަނީ އޭވައިއެލް 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ޔާމްބެ ނިއު ރޭޑިއަންޓަށް ކުޅުނީ 2013 ވަނަ އަހަރު ސައްތައިން ސައްތަ ރެކޯޑަކާ އެކު ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކުރި ސީޒަންގަ އެވެ. ނިއު އާއެކު ޝީލްޑް މެޗާއި ދިވެހި ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށް މާޒިޔާ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ.
މާޒިޔާ އަށް ބަދަލުވީއްސުރެން މިދިޔަ ސީޒަނާ ހަމައަށް ވެސް ޔާމްބެ، 30، އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ވެސް ގެއްލުނެވެ. ޔާމްބެ މާޒިޔާ ދޫކޮށްލިއިރު އޭނާ ވަނީ މާޒިޔާ އާއެކު ޗެރިޓީ ޝީލްޑް ތިން ފަހަރު، ޕްރިމިއާ ލީގު ހަތަރު ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕާއި މާލޭ ލީގު އެއްފަހަރު ކާމިޔާބު ކޮށްފަ އެވެ.
އޭވައިއެލް އަށް ކުޅެމުން ދެއްކި މޮޅު ކުޅުމާ އެކު ޔާމްބެ ވަނީ 2012 ވަނަ އަހަރު ރާއްޖޭން ވާދަކުރި ޓީމާ އެކު އިންޑިއާގައި އޮތް ނެހުރޫ ކަޕް މުބާރާތުގައި ކުޅެފަ އެވެ. އަދި އޭނާ އަކީ އެ އަހަރުގެ ފަހުކޮޅު ސްރީ ލަންކާގައި އޮތް މަހިންދަ ރާޖަޕަކްސަ މުބާރާތް ކާމިޔާބު ކުރި ރާއްޖޭގެ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.
ވިކްޓަރީ އިން ދުރާލާ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައި ވާއިރު، ދެވަނަ ޑިވިޝަންގެ އިތުރުން އެފްއޭ ކަޕް ގައި ވެސް ވާދަކުރަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ.
މި ސީޒަންގައި އެޓީމުގެ ކޯޗަކަށް ހުންނާނީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހު މުހައްމަދު (ސޮބާ) އެވެ. އަދި އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު އުމެރިރު ވެސް ވަނީ ޓީމަށް ގެނެސްފަ އެވެ. ޒުވާން ފުލްބެކް ހުސައިން ފައިސަލް (ފައިޓޯ) އާއި ޑިފެންޑަރު ސައްދަމް ހުސެއިން ގެ އިތުރުން އިބްރާހިމް ސިނާހު (ސިނާ) އަދި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު އަހުމަދު ރިލްވާން (ބެން) ގެ އިތުރުން ހުނަރުވެރި ވިންގާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ގެ ސޮއި ވެސް ވިކްޓަރީން ވަނީ ހޯދައިފަ އެވެ.