23 ޖެނުއަރީ 2017 - 13:31

ބަންގްލަދޭޝްގައި އަންނަ މަހު ފަށާ އިންވިޓޭޝަނަލް ކްލަބް ފުޓްބޯޅަ މުބާރާތަކުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ފުރުސަތު ދީފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު "މިހާރަ"ށް ވިދާޅުވީ ރާއްޖޭގެ ކްލަބަކަށް ބަންގްލަދޭޝް މުބާރާތަކުން ދައުވަތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބައޮތް ބަންގްލަދޭޝް މުބާރާތަކުން ދައުވަތު ލިބިފައި. އަޅުގަނޑުމެން މީގެ ވިސްނީ އޭއެފްސީ ގަވައިދުތަކާއި އުސޫލުން ކުރިޔަށްދާން. ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕްގައި ވާދަކުރާތީ ދެން އޮންނަ އުސޫލަކީ ލީގުގެ ދެ ވަނަ ޓީމަށް ފުރުސަތު ދިނުން،" ބައްސާމް ވިދާޅުވި އެވެ.
މުބާރާތް ކުރިއަށް ދާނީ އަންނަ މަހު 18 އިން މާޗު 1 އަށެވެ. މި މުބާރާތް އިންތިޒާމްކުރާ ފަރާތުގެ ވިސްނުމަކީ ސާކްގެ ގައުމުތަކުގެ ކްލަބްތަކަށް ފުރުސަތު ދިނުމެވެ.
ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު އަލަށް ވާދަކުރި ޓީސީ އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގައި ބޭއްވި ތިން މުބާރާތުގެ ވެސް ދެ ވަނަ ޓީމެވެ. އެ ޓީމު މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށްފައެއް ނުވެ އެވެ.
ބައްސާމް ވިދާޅުވީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތުގެ ބޭނުން ހިފުމާމެދު ގޮތެއް ނިންމާނީ ޓިސީން ކަމަށެވެ.
"އަޅުގަނޑުމެން އެފްއޭ އިން ޓީސީ އަށް މުބާރާތުގެ ފުރުސަތު ދޭން ނިންމައިފިން. ދެން ޓީސީން މީގެ ފައިނަލް ގޮތެއް ނިންމާނީ،" ބައްސާމް ވިދާޅުވި އެވެ. "މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ހަރަދުތައް ބަލަހައްޓާނީ އިންތިޒާމްކުރާ ފަރާތުން."
އާ ސީޒަނަށް ޓީސީން ވަނީ މިދިޔަ ހަފްތާގައި ފަރިތަކުރުންތައް ފަށައިފަ އެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން މި އަހަރު ވެސް އެ ޓީމުގައި މަޑުކުރަން ނިންމާފައިވާއިރު، އާ ކުޅުންތެރިން ވެސް އެ ޓީމާ ވަނީ ގުޅިފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުހައްމަދު ސާމިރުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައި ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ ހިމެނެ އެވެ. އަދި ނޭޕާލްގެ އެއް ވަނަ ކީޕަރު ކިރަން ޝެމްޝޮން ހިމެނެ އެވެ.
ޓީސީ ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ވަަނަ ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ކީޕަރު މުހައްމަދު އިމްރާން ހިމެނެ އެވެ.