ކޮންމެ ރަށެއްގެ ދިޔަވަރު ވަކިން ފެންނަ ވެބްސައިޓެއް ލޯންޗުކޮށްފި
ކޮންމެ ރަށެއްގެ ދިޔަވަރު ވަކިން ފެންނަ ވެބްސައިޓެއް ލޯންޗުކޮށްފި

ރާއްޖޭގެ ކޮންމެ ރަށެއްގެ ދިޔަވަރު ވަކިން ފެންނާނެ ވެބްސައިޓެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗު އޯގަނިޒޭޝަނާ ގުޅިގެން "މޯލްޑިވްސް ޓައިޑްސް" ގެ ނަމުގައި ވެބްސައިޓު ހެދީ، ރަށް ގިރުމުގެ މައްސަލަތަކުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ނަޝްވާން މަތީނެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވަކިން އުދަ ހުރި ވަރު އަންގައިދޭ 8 ދުވަހުގެ ޑާޓާ އެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ބެކްއެންޑުގައި ދިގު މުއްދަތުގެ މައުލޫމާތުތައް ރައްކާކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނުގެ ލެވެލް މެނޭޖްކުރާ ޑިވައިސްތަކުން، އެ މީހުން ބަހައްޓާ ތަންތަނުގެ ބަނދަރުތަކުގެ ތެރޭގައި ފެން ހުރި މިންވަރު އަސްލު އޭގެ ވަގުތުގައި މެނޭޖް ކުރާނެ. މި ރޭވިފައިވާ ދިގު މުއްދަތުގެ ޑޭޓާ ސެޓްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ގިނަ ފުރުސަތުތައް ލިބިގެންދާނެ،" ނަޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރު ރަނގަޅަށް ދެނެގަތުމަކީ ކްލައިމެޓް އެޑަޕްޓޭޝަން ސްޓްރެޓެޖީތައް ރޭވުމުގައި އެހީތެރިވެދޭނެ ކަމެކެވެ. ތަރައްގީގެ މަޝްރޫއުތަކަށް ވެސް އެ ކަމުން ފަސޭހަވާނެ ކަން ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ރިސޯޓް ޖެޓީ، ވޯޓަ ވިލާ، ބަނދަރު ފަދަ ތަންތަން ހަދާއިރު ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަށް ވެސް މިކަން މުހިއްމުވޭ،" ނަޝްވާން ވިދާޅުވި އެވެ.

އެ ވެބްސައިޓަކީ އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަގުހެޔޮ އަދި އާދައިގެ ފެނުގެ ފެންވަރު މޮނިޓަރިން ޑިވައިސްތައް ބެހެއްޓުމަށް ރާވާފައިވާ ޕްރޮޖެކްޓެއްގެ ދަށުން ހަދާފައިވާ އެއްޗެކެވެ.

ނަޝްވާން ވިދާޅުވީ، އެ މަޝްރޫއުގެ ޕްލޭނިން މަރުހަލާ އަދިވެސް ކުރިއަށް ގެންދާއިރު، އެކަމަށް ފައިސާ ހޯދުމަށް ޕްރޮޕޯސަލެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ވެބްސައިޓް ތައްޔާރު ކޮށްފައިވަނީ ފަންޑިން ހޯދުމުގެ ޕްރޮޖެކްޓެއްގެ ގޮތަށެވެ.