ބޮލީވުޑްގެ ފުރަތަމަ ފެނިލުމުގެ ކުރިން ސުހާނާ އަށް "މޭބަލިން" ގެ އެމްބެސެޑަރުކަން
ބޮލީވުޑްގެ ފުރަތަމަ ފެނިލުމުގެ ކުރިން ސުހާނާ އަށް "މޭބަލިން" ގެ އެމްބެސެޑަރުކަން

ބޮލީވުޑްގެ "ރަސްގެފާނު" ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އަށް މަޝްހޫރު މޭކަޕް ބްރޭންޑް "މޭބަލިން" ގެ އެމްބެސެޑަރުކަން ލިބިއްޖެ އެވެ.

ބޮލީވުޑް ފުރަތަމަ ފެނިލުމަށް ތައްޔާރުވަމުން އަންނަ ސުހާނާ އަށް ބްރޭންޑް އެމްބެސެޑަރުކަން ލިބުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހު މުމްބާއީގައި ބޭއްވި އޭނާގެ ފުރަތަމަ މީޑިއާ އިވެންޓުގަ އެވެ.

އެ އިވެންޓުގައި ވާހަކަ ދައްކަމުން ސުހާނާ ބުނީ، "މޭބަލިން" ބްރޭންޑުގެ ގިނަ އުފެއްދުންތަކެއް ބޭނުންކުރަމުން އައިސް، އެންމެ ފަހުން ބްރޭންޑް އެމްބެސަޑުރަކަން ލިބުން އެއީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށެވެ.

"މި ބްރޭންޑާ ގުޅުމަކީ އަހަރެން ވަރަށް އުފާވާކަމެއް. މި ހުރީ މި ބްރޭންޑު ކުރިއަށް ގެންގޮސްދިނުމަށް ކެތްމަދުވެފައި،" ސުހާނާ ބުންޏެވެ.

ސުހާނާ ބޮލީވުޑަށް ތައާރަފް ވާނީ މި އަހަރު ނެރެން ހަމަޖެހިފައިވާ "ދަ އާޗީސް" ފިލްމުންނެވެ. ޒޯޔާ އަހްތަރު ޑަައިރެކްޓުކުރާ އެ ފިލްމަކީ ސުހާނާގެ އިތުރުން އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު، އަގަސްތުޔާ ނާންދާ އާއި ސްރިދޭވީގެ ހަގު އަންހެން ދަރިފުޅު ކުޝީ ކަޕޫރު ވެސް ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.