13 އެޕްރީލް 2023 - 07:46
މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ) ގެ އާ ފިލްމު "ދަ މާވެލްސް" ގެ ޓްރެއިލާ ނެރެފި އެވެ.
"ކެޕްޓަން މާވެލް" ގެ ސީކުއެލް މި ފިލްމުގެ ލީޑު ރޯލުން މިފަހަރު ބްރީ ލާސަންއާ އެކު "މިސް މާވެލް" ގެ ޓައިޓަލް ކެރެކްޓާގެ ރޯލު ކުޅޭ އިމާން ވެލާނީ އާއި "ވާންޑަ ވިޝަން" ގައި އުޅުނު ޕޮލިސް ކެޕްޓަން މޮނިކާ ރޭމްބޯގެ ރޯލު ކުޅުނު ޓެޔޯނާ ޕެރިސް ފެނެ އެވެ.
މި ފިލްމުގެ ހާދިސާތައް ހިނގާފައިވަނީ ޑިޒްނީ ޕްލަސް އިން ނެރުނު ސީރީޒް "މިސް މާވެލް" އަށް ފަހު އެވެ. އެ ސީރީޒްގައި ވަނީ ކަމާލާ ހާން، އެމެރިކާގެ ނިއު ޖާޒީގައި އުޅުނު މިސް މާވެލް ކިޔާ ސުޕަހީރޯގެ ރޯލުން ވެލާނީ ތައާރަފްކޮށްދީފަ އެވެ.
"ދަ މާވެލްސް" ގެ ޓްރެއިލާ ނެރުމުގެ ކުރިން، މިދިޔަ އަހަރު އޮތް "ޑީ23" އެކްސްޕޯއަށް ހާޒިރުވި މީހުންނަށް ވަނީ ފިލްމުގެ ފަސްޓު ލުކް ދައްކާލައިފަ އެވެ.
މި ފިލްމުގައި ބްރީ އާއި ވެލާނީ އަދި ޕެރިސް އާއެކު އެމްސީޔޫގައި މަގްބޫލު ކެރެކްޓާ، ނިކް ފިޔުރީގެ ރޯލަށް ސެމިއުލް އެލް ޖެކްސަން އެނބުރި އައިސްފައިވެ އެވެ. އަދި ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު، ޕާކް ސޯ ޖޫން ވެސް "ދަ މާވެލްސް" ގެ މުހިންމު ރޯލެއް ވަނީ ކުޅެފަ އެވެ.
މިއީ 2021 ވަނަ އަހަރު ނިކުތް "ކޭންޑީމޭން" ޑައިރެކްޓުކޮށްފައިވާ ނިއާ ޑަކޯސްޓާގެ އެމްސީޔޫ ޑެބިއު ޑިރެކްޓޯރިއަލް އެވެ. "ދަ މާވެލްސް" އާއެކު ނިއާ ވާނީ އެމްސީޔޫގެ ފިލްމެއް ޑައިރެކްޓުކުރާ ކަޅު ނަސްލުގެ ފުރަތަމަ އަންހެން މީހާއަށެވެ. އަދި އެމްސީޔޫގެ ފިލްމެއް ޑައިރެކްޓުކުރާ ފަސް ވަނަ އަންހެނަށެވެ.
"ދަ މާވެލްސް" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.