ފަހުގެ ތާރީހެއްގައި އެންމެ ގިނަ ދިވެހި ފަންނާނުން އެއް ސީރީޒަކުން ފެންނާނެ "ޔާރާ" ސީރީޒްގެ ޓްރެއިލާ ނެރެފި އެވެ.

ދިވެހި ސްކްރީން ރައިޓަރު އަހްމަދު އިގްބާލް (އައިކިއު) ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު އެކްޓްރެސް ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގައި ނުވަދިހައެއްހާ މީހުން އެކި ރޯލުތައް ވަނީ ކުޅެފަ އެވެ.

އޭގެ ތެރޭގައި، ވެޓަރަން އެކްޓަރުންނާއި މަޝްހޫރު އެކްޓަރުންގެ އިތުރުން އަރަމުން އަންނަ ތަރިންނާއި އަލަށް ތައާރަފްވާ މީހުން ހިމެނެ އެވެ.

ރިޝްމީގެ ޕްރޮޑަކްޝަން ހައުސް "އާރް2ޒީ ޕްރޮޑަކްޝަން" އިން ދިވެހި ސްޓްރީމިން ޕްލެޓްފޯމް "ބައިސްކޯފް" އާ ގުޅިގެން ނެރޭ ލޯބީގެ މި ސީރީޒް ބިނާވެފައި ވަނީ ތަފާތު ގުޅުންތަކުގެ މައްޗަށެވެ. އެއީ ލޯބިވެރިންނާއި، ރަހުމަތްތެރިން އަދި އާއިލީ ގުޅުންތަކެވެ.

ޓްރެއިލާގައި ކެރެކްޓާއިންގެ ނަޒަރުން ލޯތްބަކީ ކޮބާ ކަމާއި، ކައިވެންޏެއް ކުރިއަށް ގެންދަން ބޭނުންވާނެ ކަންކަން ކިޔައިދެ އެވެ. އަދި މަޖާ މަންޒަރުތަކާއި، ލޯތްބާއި އާއިލީ ގުޅުންތައް ދައްކުވައިދޭ ހިތްގައިމު މަންޒަރުތަކުގެ އިތުރުން ހިތާމަވެރި މަންޒަރުތައް ވެސް ޓްރެއިލާގައި ވަނީ ދައްކާލައިފަ އެވެ.

"ޔާރާ" ސީރީޒްގެ ރަސްމީ އިންސްޓަގްރާމު ޕޭޖުގައި ވަނީ އެ ސީރީޒްގައި މައިގަނޑުގޮތެއްގައި އުޅޭ އެކްޓަރުންނާއި އެ މީހުންގެ ކެރެކްޓާއިން ތައާރަފްކޮށްދީފަ އެވެ. އޭގެ ތެރޭގައި، ރިޝްމީ ރަމީޒާއި، މަރިޔަމް އައްޒަ، އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ވިޝާލް (ރޯމަން) އަލީ ސީޒަން، އިސްމާއީލް ޖުމައިހް، ލަމްލާ ލަތީފް، ނުޒުހަތު ޝުއައިބު، އައިމިނަތް ރިޝްފާ، ޝަރާ އާދަމް ފަދަ އެކްޓަރުން ހިމެނެ އެވެ.

ހަތަރު ސީޒަނަށް ދިގު ދެމިގެންދާ މި ސީރީޒް ރަސްމީކޮށް ލޯންޗުކުރާނީ މި މަހު 24 ގައި އޮލިމްޕަސް ސިނަމާގަ އެވެ. އޭގެ ފަހުން "ބައިސްކޯފް" އެޕް މެދުވެރިކޮށް ސީރީޒް ބެލޭނެ އެވެ.