11 އެޕްރީލް 2023 - 17:02

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ހަތް ވަނަ މިސްކިތް އިމާރާތްކުރަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އާބަންކޯގެ ބަޔާނެއްގައި ބުނީ ހުޅުމާލެ 2 ގައި އިތުރު މިސްކިތެއް އިމާރާތް ކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު އާންބަކޯގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ.
އެ މިސްކިތް އިމާރާތް ކުރާނީ ހުޅުމާލޭ 2ގެ ލޮޓް ނަންބަރު 20،243 ގަ އެވެ. އެއީ 11،643.74 އަކަފޫޓުގެ ބިމެކެވެ. ތިން ފުލޯއަށް ހަދާ އެ މިސްކިތުގައި 521 މީހުންގެ ޖާގަ އޮންނާނެ އެވެ.
މި މަސައްކަތަށް ހޭދަކުރަނީ ކިހާ ފައިސާއެއް ކަމެއް އެ ކުންފުނިން އަދި ނުބުނެ އެވެ.
އާބަންކޯ އިން ބުނި ގޮތުގައި، މިއަދު ސޮއިކުރި އެއްބަސްވުމާއެކު، ހުޅުމާލެ 2 ގައި ޖުމްލަ ހަތް މިސްކިތެއް އިމާރާތްކުރަން މިހާރު ހަވާލުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ހުޅުމާލެ 2 ގައި ވަގުތީ ދެ މިސްކިތުގެ އިތުރުން ދާއިމީ އެއް މިސްކިތް މިހާރު ހުރެ އެވެ.
އާބަންކޯ އިން ބުނީ ހުޅުމާލެއަކީ އެ އަވަށުގައި ދިރިއުޅޭ ހުރިހާ މީހުންނަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ މީހުންނަށް ބޭނުންވާނެ ހުރިހާ ބެނުންތަކެއް ހިމެނިގެން ތަރައްގީކުރެވޭ ރަށަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.