23 ޖެނުއަރީ 2017 - 12:14

ރިޔާސީ ބަޔާން އިއްވުމަށް އަންނަ މަހު 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދަރުބާރު ގޭގައި ބޭއްވުމަށް މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.
މި ޖަލްސާގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީން ރިއާސީ ބަޔާން އިއްވެވުމެވެ. ރިއާސީ ބަޔާނުގައި، މި އަހަރަށް ދައުލަތުގެ ސިޔާސަތު ކަނޑައެޅިފައިވާ ގޮތް ބަޔާން ކޮށްދެއްވާނެ އެވެ.
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި ބާއްވާއިރު، މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާ ވެސް ބޭއްވީ ދަރުބާރުގޭގަ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިއާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.
ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.
މަޖިލީހުން މިދިޔަ އަހަރު ގިނަ ބިލްތަކަކާއި އިސްލާހުތަކެއް ފާސް ކުރި އިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ބިލުތަކާއި އިސްލާހުތަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފާސްކުރި ބިލްތަކަކާއި އިސްލާހުތަކެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދީ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވެފައި ވަނީ، އެ ބިލްތައް ފާސްކުރީ ހުރިހާ ރައްޔިތުންގެ ހައްގުތައް އިތުރަށް ކަށަވަރުކޮށް، ރައްކާތެރިކޮށް ދޭން ކަމަށެވެ.