ޔަހޫދީންގެ އުދުވާނު ކުރިއަށް، ދުނިޔެ ލޯ މަރާލައިގެން
ޔަހޫދީންގެ އުދުވާނު ކުރިއަށް، ދުނިޔެ ލޯ މަރާލައިގެން

މުސްލިމުންގެ މުގައްދަސް އެއް ހަރަމްފުޅު ކަމަށްވާ މަސްޖިދުލް އަގްސާގައި އަޅުކަންކުރުމަށް ދާ މުސްލިމުންނާ ދެކޮޅަށް، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަށާފައިވާ އުދުވާންތައް އިއްޔެ އާއި ރޭ ވެސް ކުރިއަށް ގެންގޮސް، ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ވެސް އުދުވާންތައް ހިންގަމުން އެބަދެ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ރޭ ފެށުމާއެކު، މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު އެ މިސްކިތަށް ދިޔަ އެވެ. ނަމަވެސް އިޒްރޭލުގެ އިސްތިއުމާރީ ސަލާމަތީ ބާރުތަކުން ވަނީ، 40 އަހަރުން މަތީގެ އެއްވެސް މީހަކު މިސްކިތަށް ވަނުން މަނާކޮށް އަނބުރާ ފޮނުވާލައިފަ އެވެ.

މި ރޯދަ މަސް ފެށުނީއްސުރެ ކޮންމެ ދުވަހަކު ވެސް އިޒްރޭލުގެ ސިފައިންނާއި ފުލުހުން މަސްޖިދުލް އަގްސާ އަށް ވަންނަ މުސްލިމުންނަށް އެކި ގޮތްގޮތުން ހުރަސް އަޅައި ޖެއްސުން ކުރަމުންނެވެ. މިސްކިތުގައި ނަމާދަށް ތިބި އެތައް ބަޔަކު، ބާރުގެ ބޭނުންކޮށް މިސްކިތުން ފޮނުވައިލުމަށް ފަހު، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ހިމާޔަތް ދީގެން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޔަހޫދީންނެއް އެ މިސްކިތަށް ވައްދަ އެވެ.

ފަލަސްތީނުގެ އަރީހާގައި އޮންނަ އަގަބަތު ޖާބިރު ކިޔާ ރެފިއުޖީ ފޭލިގެ އަވަށަށް އިޒްރޭލު ސިފައިން އިއްޔެ ވަދެ ދިން އުދުވަނީ ހަމަލާތަކެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. މުހައްމަދު ފާއިޒު ބަލްހާން، 15، އަށް އިޒްރޭލު ސިފައިން ހަމަލާ ދިނީ، އޭނާ އެ ސަރަހައްދުގެ މަގުމަތީގައި އުޅެނިކޮށެވެ.

އިޒްރޭލު ސިފައިން ޖެހި ބަޑީގެ ތިން ވަޒަން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އެރި އެވެ. އެއް ވަޒަން ބޮލަށް، އެއް ވަޒަން މެޔަށް އަދި އަނެއް ވަޒަން އެރީ އޭނާގެ ބަނޑަށެވެ.

އެއްވެސް ގޮތެއްފޮތެއް ބެލުމެއް ނެތި ފަލަސްތީނުގެ އެކި އަވަށްތަކަށް އިޒްރޭލު ސިފައިންނާއި ފުލުހުން އަރައި އުދުވާނީ އަމަލުތައް ހިންގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދު ކުރަމުން ދާއިރު، އިޒްރޭލުގެ އެ އަމަލުތައް ހުއްޓުވާނެ އެއްވެސް ގައުމެއް ނެތެވެ.

މި ދިޔަ ދެ އަހަރުގެ ތެރޭގައި ބައެއް އަރަބި ގައުމުތަކުން ވަނީ އިޒްރޭލާ އެކުގައި ގުޅުން ބަދަހިކޮށްފަ އެވެ. އިސްލާމީ އަރަބި ގައުމުތަކުން އިޒްރޭލާ އެކުގައި ގުޅުން ބަދަހިކުރި ނަމަވެސް، ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނަކަށް ވެސް، އަދި މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑުމަކަށް ވެސް އެއްވެސް ބަދަލެއް ނާދެ އެވެ.