12 އެޕްރީލް 2023 - 08:18

ސަލްމާން ހާނަށް އަނެއްކާވެސް މަރުގެ އިންޒާރެއް ދީފި އެވެ.
އިންޑިއާގެ މުމްބާއީ ފުލުސް އޮފީހާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" އިން ބުނި ގޮތުގައި، ރާޖަސްތާނަށް ނިސްބަތްވާ މީހަކު، ސަލްމާން މަރާލާނެ ކަމަށް ބުނި މައްސަލައެއް މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.
އެ އިންޒާރު ދީފައި ވަނީ، ސަލްމާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ގެ ޓްރެއިލާ ލޯންޗުކުރި ހަރަކާތަށް، އޭނާގެ ކޯ-ސްޓާރުންނާ އެކު ދިޔަ ދުވަހު އެވެ.
މިދިޔަ ހޯމަ ދުވަހު އިންޑިއާ ފުލުހުންގެ ކޮންޓްރޯލް ރޫމަށް ލިބުނު ފޯނު ކޯލެއްގައި، ރާޖަސްތާނުގެ ރޮކީ ބާއިގެ ނަމުގައި ވާހަކަ ދެއްކި ފިރިހެނަކު، އޭޕްރިލް 30 ގައި ސަލްމާނު މަރާލާނެ ކަމަށް ބުނެފައިވާ ކަމަަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
މީގެ ކުރިން ވެސް، އެތައް ފަހަރެއްގެ މަތިން ސަލްމާނަށް ވަނީ މަރުގެ އިންޒާރުތައް ދީފަ އެވެ. އެގޮތުން، ދާދިފަހުން މަރުގެ އިންޒާރެއްދީ ސަލްމާނަށް ފޮނުވި އީމެއިލެއްގެ މައްސަލައިގާ 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެކަމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލްމާނަށް "ވައި-ކެޓަގަރީ" ގެ ސެކިއުރިޓީ ދޭން ނިންމައިފަ އެވެ. އިންޑިއާގެ "ވައި ކެޓަގަރީ" ސެކިއުރިޓީގައި އަށް މީހުން ބޮޑީގާޑުންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ.