ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ، ސަލްމާން ހާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" ގެ ރަސްމީ ޓްރެއިލާ ނެރެފި އެވެ.

ސަލްމާންގެ އެކްޝަން ސީންތަކަކާއި އޭނާއާ އެކު ލީޑުން ފެންނަ އެކްޓްރެސް ޕޫޖާ ހެޖްގެ މަޖާ އަދި ހިތްގައިމު މަންޒަރުތަކެއް އިއްޔެ ނެރުނު ޓްރެއިލާގައި ފެނެ އެވެ.

"ސަލްމާން ހާން ފިލްމްސް" އިން އުފައްދާ، ފަރްހާދް ސަމްޖީ ޑައިރެކްޓުކުރި އެ ފިލްމުގައި ސަލްމާނުގެ ކެރެކްޓާ، އާއިލާ އަދި ލޯބިވެރިޔާގެ ހިމާޔަތުގައި އެތައްބަޔަކާ ކުރިމަތިލާ ގޮތާއި އޭނާގެ މަޖާ އަދި މަޑުމައިތިރި މިޒާޖު ވެސް ފެނެ އެވެ.

ޓްރެއިލާގެ ވަކި ހިސާބަކުން، ފިލްމުގައި ސަލްމާންގެ ލޯބިވެރިޔާގެ ރޯލު ކުޅޭ ޕޫޖާ، ސަލްމާނަކީ އެއްވެސް ވަރަކަށް އަނިޔާއާ ގަޔާވާމީހެއް ނޫންކަމަށް ބުނެ އެވެ. އެންމެ ފަހުން، ސަލްމާނުގެ ތަޅާފޮޅާ މަންޒަރުތައް ޕޫޖާ އަށް ފެނުމުން، އެއީ އަނިޔާއެއް ނޫން ކަމަށާއި، އެއީ ސެލްފް ޑިފެންސް ނުވަތަ އަމިއްލަ ރައްކާތެރިކަމަށް ކުރި ކަމެއް ކަމަށް އޭނާ ބުނެ އެވެ.

ޓްރެއިލާ މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އޭގެ ރީތިކަމަށް ތައުރީފުކޮށް، ފިލްމު ބަލާލަން ކެތްމަދުވެފައި ހުރި ކަމަށް ބުނަމުންނެވެ.

"ކިސީ ކާ ބާއި ކިސީ ކީ ޖާން" ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގެ މުނާސަބަތާގުޅުވައިގެންނެވެ.