"މެނިފެސްޓް" ސީޒަން 4 ގެ ދެވަނަ ބައި ޖޫން މަހު
"މެނިފެސްޓް" ސީޒަން 4 ގެ ދެވަނަ ބައި ޖޫން މަހު

ނެޓްފްލިކްސްގެ "މެނިފެސްޓް" ސީރިޒްގެ ހަތަރު ވަނަ ސީޒަންގެ ދެ ވަނަ ބައި އަންނަ ޖޫން މަހު ރިލީޒްކުރަން ނިންމައިފި އެވެ.

ގިނަބައެއްގެ މެދުގައި މަގްބޫލު އެ ސީރީޒްގެ އެންމެ ފަހު ސީޒަންގެ އެންމެ ފަހު 10 އެޕިސޯޑު ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.

"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، ފަހު ސީޒަންގެ ދެވަނަ ބައިގެ ފުރަތަމަ އެޕިސޯޑު ޖޫން މަހުގެ ކުރީކޮޅު "އޭޓީއެކްސް ޓީވީ" ފެސްޓިވަލްގައި ޕްރިމިއާކުރާނެ އެވެ. އެ ފެސްޓިވަލްގައި ޝޯރަނާ ޖެފް ރޭކް އަދި ކާސްޓު މެންބަރުންގެ ޕެނަލްއެއް ހިމެނޭނެ އެވެ.

"މެނިފެސްޓް" ސީރީޒްގައި ކިޔައިދެނީ "މޮންޓެގޯ އެއާ ފްލައިޓް 828" ނަމަކަށް ކިޔާ މަތިންދާބޯޓަކުން ދަތުރު ކުރި ފަސިންޖަރުންތަކެއްގެ ވާހަކަ އެެވެ. ޖެމައިކާއިން އެމެރިކާ އަށް ދާން ފުރި އެ ބޯޓަކީ، 2011 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުމަށް ފަހު 2018 ވަނަ އަހަރު އެނބުރި އެމެރިކާއަށް ޖެއްސި ބޯޓެކެވެ. ހައްސަ ކަމަކީ، އެ މަތިންދާބޯޓުގައި ތިބި ފަސިންޖަރުންނަށް، އެ ދަތުރަކީ ދެތިން ގަޑިއިރުގެ ދަތުރަަކަށް ވުމެވެ. އޭގެ ފަހުން، އެ ހުރިހާ އެންމެންނަށް އާދަޔާ ހިލާފު ކަންތައްތަކާ ކުރިމަތިލާން ޖެހެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ނެރުނު ސީޒަން 4 ގެ ފުރަތަމަ ބައި ނިމުނީ، ގޮތްނޭނގޭ ތާރީހު ނުވަތަ "ޑެތު ޑޭޓް"، ޖޫން 2 ގައި އެ ބޯޓުން ދަތުރުކުރި ފަސިންޖަރުންތައް މަރުވާނެ ކަމަށް ގަބޫލުކޮށް، އެކަމުން ސަލާމަތްވާން މަސައްކަތް ކުރަނިކޮށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ލަފާކުރެވެނީ ފަހު އެޕިސޯޑުތަކުގައި "ޑެތު ޑޭޓް" އިން ހުރިހާ ފަސިންޖަރުން ސަލާމަތްވާނެ ކަމަށެވެ.