24 ޖެނުއަރީ 2017 - 06:09

ޕާނާއި ޗިޕްސް އަދި އަލުވި ފަދަ ތަކެތި ކާން އެންމެ ރަނގަޅީ މުށިކުލަ އަރަންދެން ރޯފިލުވުމުގެ ބަދަލުގައި ރަން ރީނދޫ ކުލާގައި ހުންނަ ވަރަށް ރޯފިލުވައިގެން ކަމަށް އިނގިރޭސި ވިލާތުގެ ސައިންސްވެރިން ބުނެފި އެވެ.
ކާނާގެ ރައްކާތެރިކަމާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ ސަރުކާރަށް ލަފާ ދޭ ސައިންސްވެރިންވެރިން ބުނީ ޕާނާއި ޗިޕްސް ފަދަ ތަކެތި ރަން ރީނދޫ ކުލަ އަރަންދެން ރޯފިލުވަން ޖެހެނީ ހަށިގަނޑަށް އެތެރެވޭ ކެމިކަލްގެ މިންވަރު މަދުކުރުމަށް ކަމަށެވެ.
މިފަދަ ކާނާއިން ކެންސަރަށް މަގު ފަހިވަނީ އަކްރައިލަމައިޑް ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. އެއީ ސްޓާޗް ހުންނަ ކާނާގެ ބާވަތްތައް މާގިނައިރު ފިހެ ނުވަތަ ތެއްލުމުންނެވެ.
ފުޑް ސްޓޭންޑަޑްސް އޭޖެންސީ (އެފްއެސްއޭ) އިން ދިން ލަފާގައި ބުނެފައި ވަނީ ޕާން ފަދަ ތަކެތި މުށި ކުލަ އަރަންދެން ޓޯސްޓްކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކެންސަ ރިސާޗްގެ ތަރުޖަމާނަކު ވިދާޅުވީ މުށި ކުލަ އަރަންދެން ފިހެފައި ހުންނަ އެއްޗެހިން އިންސާނުންނަށް ކެންސަރު ޖެހޭކަން އިންސާނުން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ކަށަވަރު ނުވާ ކަމަށެވެ. އެކަމަކު ބުއްދިވެރި ގޮތަކީ މިކަމަށް ސަމާލުވުން ކަމަށް ވިދާޅުވި އެވެ.
އެފްއެސްއޭ އިން ބުނީ އަލުއްވަކީ ފްރިޖުގައި ރައްކާކުރަން ރަނގަޅު އެއްޗެއް ވެސް ނޫން ކަމަށެވެ. އެއީ އަލުވީގައި ހުންނަ ހަކުރުގެ ބައި ފިނިވުމުން މައްޗަށް ގޮސް އަދި ކެއްކުމުން އަކްރައިލަމައިޑްގެ މިންވަރު އިތުރުވެގެން ދާތީ އެވެ. މިއީ ކާނާގެ ވަރަށް ގިނަ ބާވަތްތަކުގައި ހުންނަ، ކައްކާއިރު އިތުރުވެގެންދާ މާއްދާއެކެވެ. އެގޮތުން ޕާން، ސިރިއަލް، ބިސްކޯދު، ކްރޭކާސް، ކޭކް އަދި ކޮފީގައި ވެސް މި މާއްދާ ހުރެ އެވެ.