12 އެޕްރީލް 2023 - 08:21

ބައިނަލްއަގްވާމީ ބޮޑު މަގްބޫލުކަމެއް ހޯދި ސީރީޒް، "ސްޓްރޭންޖާ ތިންގްސް" ގެ އެނިމޭޓެޑް ސީރީޒެއް ނެރެން ނެޓްފްލިކްސް އިން އިއުލާންކޮށްފި އެވެ.
"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، "ސްޓްރޭންޖާ ތިންގްސް" ޝޯގެ ދުނިޔެއަށް ބިނާކޮށް އުފައްދާ އެނިމޭޓެޑް ސީރީޒްގެ މާބޮޑު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ސީރީޒް އުފައްދަނީ ކާޓޫނު އުފެއްދުމުގައި މަޝްހޫރު އެރިކް ރޮބްލްސް އަދި "ފްލައިން ބާކް ޕްރޮޑަކްޝަން" އިންނެވެ.
މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ރޮބްލްސްއާ އެކު، "ސްޓްރޭންޖާ ތިންގްސް" އުފެއްދި ޑަފާ ބްރަދާސް އަދި "21 ލެޕްސް" ޕްރޮޑަކްޝަންގެ ޝޯން ލެވީ އާއި ޑޭން ކޯހެން މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"ސްޓްރޭންޖާ ތިންގްސްގެ އެނިމޭޓެޑް ވާޝަނެއް ނެރުމަކީ އަބަދުވެސް ހުވަފެނެއް. މި ހުވަފެން ހަގީގަތަކަށް ވާތީ ވަރަށް އުފާވޭ." ޑަފާ ބްރަދާސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރޮބްލްސް އާއި އޭނާގެ ޓީމުން ހަދާފައިވާ ސްކްރިޕްޓާއި އާޓްވޯކްތައް ފެނިފައި ހައިރާންވި ކަމަށް ޑަފާ ބްރަދާސް އިން ބުނެ އެވެ.
"ސްޓްރޭންޖާ ތިންގްސް" އަކީ ގިނަބައެއްގެ ތަރުހީބު ލިބުނު "ގްލޯބަލް" ހިޓެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ރިލީޒްކުރި އެ ސީރީޒަކީ މިހާތަނަށް ވެސް ރިލީޒްކުރި އެންމެ މަގްބޫލު އެއް ޝޯއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އެ ސީރީޒްގެ ފަސް ވަނަ އަދި އެންމެ ފަހު ސީޒަން އިއުލާނުކޮށްފަ އެވެ.
ނޫސްތަކުން ބުނާގޮތުގައި، އެނިމޭޓެޑް ސީރީޒްގެ އިތުރުން ގިނަ ސްޕިން އޮފްތަކެއް "ސްޓްރެންޖާ ތިންގްސް" ފްރަންޗައިޒްގައި ފެންނާނެ އެވެ. އޭގެތެރޭގައި، މިދިޔަ އަހަރު އިއުލާނުކުރި އާ ލައިވް-އެކްޝަން ސީރީޒް ފާހަގަކޮށްލެވެ އެވެ.