ރެއާލް ބަލިވުމުގެ ފައިދާ ބާސެލޯނާއަކަށް ނުނެގުނު
ރެއާލް ބަލިވުމުގެ ފައިދާ ބާސެލޯނާއަކަށް ނުނެގުނު

ބާސެލޯނާ (އޭޕްރީލް 11) - ގިރޯނާއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން، މި ހަފްތާ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ބަލިވުމާ ގުޅިގެން ބާސެލޯނާ އަށް މޮޅަކާ އެކު އެއްވަނައިގައި 15 ޕޮއިންޓަށް ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ލީގުގައި ބާކީ 10 މެޗު އޮތްއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑެއްގަ އެވެ. އެ ޓީމަށް 72 ޕޮއިންޓް ލިބިފައި ވާއިރު ރެއާލަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ.

ރެއާލް މެޑްރިޑް ބަލިވީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ވާދަކޮށް 3-2 އިންނެވެ.

ބާސެލޯނާއިން މެޗުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުކޮށްލެވިފައި ނުވާއިރު ރަފީނިއާ އާއި ގަވީ ފޮނުވާލި ހަމަލާތައް ދިފާއު ކުރީ ގިރޯނާގެ ގޯލްކީޕަރު ޕައުލޯ ގަޒަނީގާ އެވެ. ފުރަތަމަ ހާފުގައި ރޮނާލްޑް އަރައޫހޯ ފޮނުވާލި ހަމަލާއެއް ގަޒަނީގާ ވަނީ ގޯލް ލައިންމަތިން ވެސް ދިފާއު ކޮށްފަ އެވެ.

ލީގުގެ 11 ވަނައިގައި އޮތް ގިރޯނާ ވެސް ވަނީ ބާސެލޯނާ އަށް މި މެޗުގައި ރަނގަޅު ފައިޓެއް ދީފަ އެވެ. ގޯލު ޖަހަން ހުސް ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް މައްސަލައަކަށް ވީ ބޯޅަ ގޯލާ އަމާޒު ކޮށްނުލެވުމެވެ.

"މިއީ ހިތާމަވެރި ކަމެއް އެއީ އަހަރެމެން ބޭނުންވީ ރެއާލާ ދެމެދު އޮރް ފަރަގު 15 ޕޮއިންޓަށް ބޮޑުކުރަން، އެކަމަކު މިއީ ފުޓްބޯޅަ. ލީގުގައި މި މަގާމުގައި އޮވެވޭތީ އެކަމަށް ޝުކުރު ކުރަން،" ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތް އޮތުމަށް ރިއާޔަތްކޮށް ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.

"ގޯލު ޖެހުމަކީ ހުރިހާ ޓީމެއްގެ ވެސް ޒިންމާއެއް. އަހަރެމެން ކުޅުނީ ރަނގަޅަށް، މަދުވީ ގޯލެއް. ހުރިހާ ގޮތަކުން އަހަރެމެން މިއަދު މަސައްކަތް ކުރިން އެކަމަކު ކާމިޔާބު ނުވީ."

ލީގުގައި ބާސެލޯނާ ދެން މެޗެއް ކުޅޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެރެ އެވެ. އެރޭ ރަށުން ބޭރުގައި ނުކުންނާނީ ގެޓަފޭއާ ދެކޮޅަށެވެ.