11 އެޕްރީލް 2023 - 07:55
މަޖާ ވީޑިއޯތަކުންނާއި އިޝްތިހާރުތަކުން މަޝްހޫރުވި ނަޒީރު ޝިހާމް (ކާއްޓޭ) އަދި ހުސެއިން ސާދު (މަޓޭ) ގެ ފުރަތަމަ ކޮމެޑީ ފީޗާ ފިލްމު، "ވަނާޖުބޭސާ" ގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.
"ޕާޓިކަލް ސްޓޫޑިއޯ" އާއި "ދަ ސްޓޫޑިއޯ" ގެ އިތުރުން "ވާންޗޯ އެންޓަޓެއިންމެންޓްސް" ގުޅިގެން ތައްޔާރުކުރާ މި ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަސް ސިނަމާ އިން ލިބޭނެ އެވެ.
ޓިކެޓު ވިއްކަން ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ.
ކާއްޓޭ އަދި މަޓޭގެ އިތުރުން، ސިފައިންގެ ޑްރާމާތަކުންނާއި ސްޓޭޖް ޑްރާމާތަކުގެ އިތުރުން "ހާދަރު" ފިލްމުގެ ވިލަންގެ ރޯލުން ފެނުނު، މުހައްމަދު ސައީދު ވެސް ލީޑު ރޯލަކުން ފެންނަ މި ފިލްމު ލިޔެ، ޑައިރެކްޓުކޮށްފައި ވަނީ ވިޝާލް ޒަކީ އެވެ. ފިލްމުގެ ސިނަމަޓޯގްރަފީ އަދި އެޑިޓިންގެ މަސައްކަތް ވެސް ކޮށްފައި ވަނީ ވިޝާލް އެވެ.
މިއީ ފ. ނިލަންދޫ އާއި ފީއަލީގައި ޝޫޓުކުރި ފިލްމެކެވެ. ލީޑުން ފެންނަ ތިން އެކްޓަރުންގެ އިތުރުން ދެން ތިބި ކާސްޓުންނަކީ އެ ރަށްތަކުގެ މީހުން ކަމަަށް ޑައިރެކްޓަރު ވިޝާލް ބުންޏެވެ.
ހެއްވާ މަޖާ ސީންތައް ފެންނާނެ މި ފިލްމު ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހު 25 ވަނަ ދުވަހުގެ ރޭ، އޮލިމްޕަސް ސިނަމާގަ އެވެ. އަދި ޕްރިމިއާ ކުރާ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކުވެސް ޝޯއެއް އަޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.