ކެރިއަރު ފެށި ކްލަބަށް އައިސް މާސެލޯ ތަށި ހޯދައިފި
ކެރިއަރު ފެށި ކްލަބަށް އައިސް މާސެލޯ ތަށި ހޯދައިފި

ރިއޯ ޑި ޖެނީރޯ، ބްރެޒިލް (އޭޕްރީލް 10) - ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ބްރެޒިލްގެ މާސެލޯ އޭނާ ކެރިއަރު ފެށި އެ ގައުމުގެ ފްލުމިނީސް އަށް ބަދަލުވެ، އެޓީމަށް ރިއޯ ޑި ޖެނީރޯ ސްޓޭޓް ލީގު ކަމަށްވާ ކަމްޕެއޮނާޓޯ ކަރިއޯސާ ކާމިޔާބު ކޮށްދީފި އެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގެ ދެ ވަނަ ލެގަކީ ފެބްރުއަރީ މަހު މާސެލޯ އެޓީމާ އަލުން ގުޅުމަށް ފަހު ކުޅެދިން ދެ ވަނަ މެޗެވެ. ފުރަތަމަ މެޗަކީ ދެކުނު އެމެރިކާ ސަރަހައްދުގެ ޗެމްޕިއަންސް ލީގު ކަމަށްވާ ކޮޕާ ލިބަޓަޑޯރެސް ގައި މި މަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ބްރެޒިލްގެ މަގުބޫލް މަރަކާނާ ސްޓޭޑިއަމްގައި ކަމްޕެއޮނާޓޯ ކަރިއޯސާގެ ފައިނަލަށް ފްލުމިނީސް ނުކުތްއިރު ފުރަތަމަ ލެގުގައި އެޓީމު ވަނީ 2-0 ފްލަމެންގޯ އަތުން ބަލިވެފަ އެވެ. ނަމަވެސް ފްލުމިނީސް ޗެމްޕިއަންކަން ހޯދީ ދެ ވަނަ ލެގު 4-1 އިން ކާމިޔާބު ކޮށްގެންނެވެ.

ދެ ވަނަ ލެގުގައި ފްލުމިނީސްގެ ފުރަތަމަ ގޯލު 30 ވަނަ މިނިޓުގައި ޖެހީ ވެސް މާސެލޯ އެވެ. އެ ޓީމުގެ ޖާމަން ކާނޯ ދެ ގޯލު ޖަހައިދިންއިރު ފަހު ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު އަލެކްސެންޑާ އެވެ. ފްލަމެންގޯގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.

ފްލުމިނީސް އާއި ފްލަމެންގޯ އަކީ ބްރެޒިލްގެ ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ރިއޯ ޑި ޖެނީރޯ ސްޓޭޓްގެ ހަތަރު ކްލަބުގެ ތެރެއިން ދެ ކްލަބެވެ.

މީގެ ކުރިން މާސެލޯ ތަށްޓެއް އުފުލާލީ މިދިޔަ އަހަރު، ރެއާލް މެޑްރިޑްގެ ކެޕްޓަންގެ ގޮތުގައ އެވެ. ރެއާލާ އެކު ފަހު ސީޒަންގައި އޭނާ ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ

މާސެލޯ، 34، ގެ ސީނިއާ ކެރިއަރު ފެށީ ފްލުމިނީސްގަ އެވެ. ކެރިއަރު ފެށި 2005 ވަނަ އަހަރުގެ ސީޒަން ގައި ވެސް އޭނާ ވަނީ ފްލުމިނީސް އާއެކު ސްޓޭޓް ލީގު ކާމިޔާބު ކޮށްފަ އެވެ.

ފްލުމިނީސް ދޫކޮށް އަށް މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް މާސެލޯ ރެއާލް މެޑްރިޑަށް ބަދަލުވީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ ރެއާލްގެ ޖާޒީގައި ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ފަސް ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔޫއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރެއާލް ދޫކޮށް މާސެލޯ ވަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ބަދަލުވެފަ އެވެ. ނަމަވެސް ފަސް މަސްތެރޭ 10 މެޗު ކުޅުމަށް ފަހު އޭނާ ވަނީ މި އަހަރުގެ ފެބްރއަރީ މަހު އެ ޓީމާ އެކު ކޮންޓްރެކްޓް އުވާލައިފަ އެވެ.

ގައުމީ ޓީމަށް ވެސް ދިގު މުއްދަތެއް ވަންދެން ކުޅުނު މާސެލޯ ވަނީ ބްރެޒިލް އާއެކު 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި އޮލިމްޕިކްސް ގައި އޭވާ ވަނީ ބްރެޒިލް އާއެކު ރިހި މެޑަލް އަކާއި ލޯ މެޑަލް އެއް ހާސިލް ކޮށްފަ އެވެ.