10 އެޕްރީލް 2023 - 16:55

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުނި ޖަމާކޮށްފައިވާ ހުންނަ މައްސަލަ ބޮޑުވެފައިވާތީ އެކަން ނުކުރުމަށާއި އެގޮތަށް ކުނި ބަހައްޓަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ މަގުތަކާއި ގެތަކުގެ ދޮރުމައްޗަށާއި މަގުތަކުގެ ކަންކަންމަތީ ކުނި ނެރެފައި ބަހައްޓާ މައްސަލަ އިތުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މީހުންނަށް އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
- ކުނި ކޮތަޅު ގޭގެ ތެރޭގައި ބެހެއްޓުމުގެ ބަދަލުގައި ވަކި ގަޑިއެއް ނުބަލާ މަގުމައްޗަށް ނެރުން.
- ކުނި އުކާ ފަރާތުން އަންގައިގެން ކަމަށް ބުނެ މަގުމައްޗަށް ނެރުން
- ކުނި އުކާ ފަރާތްތަކުން ގެއަށް ނުވައްދަންވެގެން މަގުމައްޗަށް ނެރެފައި ބެހެއްޓުން
- މަސައްކަތްކުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓަމުން ގެންދިޔުން
- ފަރުނީޗަރު ފަދަ ބޮޑެތި ކުނި އުކާލާ އަގު ބޮޑު ކަމަށް ބުނެ މަގުމަތީ ބެހެއްޓުން
އީޕީއޭ އިން ބުނި ގޮތުގައި އެ ކަންކަމަކީ ކުނި މެނޭޖް ކުރުމުގެ ގާނޫނާއި ގަވައިދާ ހިލާފު ކަމެކެވެ. ކުނި މަގުމަތީ ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ކުނި އުކުމުގެ ހިދުމަތް ދޭ އެއްވެސް މުވައްޒަފެއް ވެސް އެގޮތަށް ކަންތައް ކުރުމަށް އަންގައިގެން ނުވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.
"...ކުނި މެނޭޖުކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރަމުން ގެންދިއުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރަން،" އެ އިއުލާނުގައި ބުނެފައި ވެ އެވެ.
މާލޭގެ ހަނިމަގުތަކާއި ގޯޅިގަނޑު ތެރޭގައި ވެސް ކުނިކޮތަޅުތައް ނެރެފައި ބަހައްޓާތީ އާއި ބައެއް ފަހަރު ގިނަ ދުވަސްތަކެއް ވަންދެން ކުނިތައް އެގޮތަށް ހުންނަ މައްސަލައަކީ އާންމުން ވަރަށް ބޮޑަށް ޝަކުވާ ކުރާ މައްސަލައެކެވެ.