10 އެޕްރީލް 2023 - 15:16

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި، އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖޫން، 2020 ގައި، ރާއްޖޭގައި އުޅުނު ކެންޔާ އަންހެނަކަށް ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނެވެ.
އެ މައްސަލަ ހުޅުމާލޭ ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭ އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމުމަށްފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ހުޅުމާލޭ ކޯޓުން އެ މައްސަލަ ބެއްލެވީ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދެވެ.
ޝާންގެ އިތުރުން އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެ ތުހުމަތުގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލުމުން ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވި އެވެ.