ރޮނާލްޑޯގެ އައް ނަސްރު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ
ރޮނާލްޑޯގެ އައް ނަސްރު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

އަލް މަޖްމައާ (އޭޕްރީލް 10) - ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު އިން އަލް ފައިހާއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާ އެކު ދެވަނައިގައި އޮތް ނަސްރާއި އެއް ވަނައިގައި އޮތް އަލް އިއްތިހާދާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު މިވަނީ ތިން ޕޮއިންޓަށް ފުޅާވެފަ އެވެ. އިއްތިހާދު ވަނީ 2-1 އިން އަލް ވަހްދާ ބަލިކޮށް، 23 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. އައް ނަސްރު ކުޅުނު 23 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.

ލީގުގައި ދެ ޓީމަށް ވެސް ބާކީ ހަތް މެޗު އެބަ އޮތެވެ. ނަމަވެސް ނަސްރާއި އިއްތިހާދުގެ ކުރިމަތިލުމެއް މި ސީޒަންގެ ލީގުގައި ދެން ނުފެންނާނެ އެވެ.

އަންނަ ސީޒަން ގައި އައް ނަސްރަށް އޭއެފްސީ ޗެމްޕިއަންސް ލީގު ކުޅެވޭނީ ސައުދީ ލީގު ނުވަތަ ސައުދީ ކިންގް ކަޕް ކާމިޔާބު ކޮށްގެންނެވެ.

އަލް ފައިހާ އަކީ މިދިޔަ ސީޒަން ގައި ޕެނަލްޓީ ޖަހައިގެން އަލް ހިލާލް ބަލިކޮށް ކިންގް ކަޕް ކާމިޔާބު ކުރި ޓީމެވެ. އެ ޓީމުން 2023/2024 ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ކުޅޭނެ އެވެ. ގުރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާގެ ތިން ޓީމަށް ފުރުސަތު ލިބޭއިރު، މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން އަލް ހިލާލް އަށް ވަނީ ޖާގަ ޔަގީން ވެފަ އެވެ.

އައް ނަސްރަށް ލީގުގައި ދެން އޮތީ ވަރުގަދަ މެޗެކެވެ. ލީގުގައި އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެޓީމުން ރަށުން ބޭރުގައި ނުކުންނާނީ މިދިޔަ ސީޒަންގެ ސައުދީ ޕްރޯ ލީގާއި، 2021 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަލް ހިލާލް އާ ދެކޮޅަށެވެ. މިހާރު ކުރިއަށްދާ 2022 އޭއެފްސީ ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް އަލް ހިލާލް ވަނީ ހޮވިފަ އެވެ.

ލީގުގައި އަލް ހިލާލް އާ ދެކޮޅަށް ކުޅުމަށް ފަހު އައް ނަސްރަށް ދެން އޮތީ ކިންގް ކަޕް ސެމީ ފައިނަލް ގައި އަލް ވަހްދާއާ ދެކޮޅަށް ކުޅޭ މެޗެވެ.