10 އެޕްރީލް 2023 - 12:36

ބޭއިންސާފުން ވަކި ކްލަބަކަށް ސްޕޯޓްސް މިނިސްޓްރީން ފައިސާ ދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށް އެ ނިންމުން މުރާޖައާކުރަން، ކްލަބް ގްރީން ސްޓްރީޓްސް އިން މިނިސްޓްރީ އަށް ގޮވާލައިފި އެވެ.

މިނިސްޓްރީން ވަނީ ސީޒަނަށް ތައްޔާރުވާން ކޮންމެ ކްލަބަކަށް ދިން 247،500 ރުފިޔާގެ އިތުރުން، 1 މިލިއަން ރުފިޔާ މާޒިޔާ އަށް ދީފަ އެވެ. މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އެއީ އޭއެފްސީ ކަޕުގައި އެ ޓީމު ވާދަކުރާތީ ދިން އެހީއެއް ކަމަށެވެ.
ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުންނާއި ކްލަބް ލައިސަންސިން ފުރިހަމަ ނުކުރެވޭތީ، އާ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގައި ބައިވެރިވެފައި ނުވާ ގްރީން ސްޓްރީޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީގެ އެ ނިންމުމާ މެދު ކްލަބުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށެވެ.
ހަމަހަމަކަމެއް ނެތި ފައިސާ ދިނުން ބަލައެއް ނުގަނެވޭ. އެކަމުން ދައްކުވައިދޭ ވަކި ކްލަބަކަށް ތަފާތުކުރާ މިންވަރު. އަދި ކްލަބްތަކުގެ ބުރަ މަސަައްކަތަށް މިކަމުން ފަސްއެޅޭ. މިނިސްޓްރީގެ މެންޑޭޓަކީ ރާއްޖޭގައި ފުޓްބޯޅާ ކުރިއަރުވަން އެކަމަކު މިފަދަ ނިންމުންތަކުގެ ސަބަބުން އެ ކުރިއެރުން އެބަ ހުއްޓޭ،" ބަޔާނުގައިވެ އެވެ.
އެ ކްލަބުން ބުނީ ހުރިހާ ފުޓްބޯޅަ ކްލަބަކުން މި ކުޅިވަރަށް ކޮށްދޭ ހިދުމަތަށް ބަލައި، ފައިސާ ދިނުން އޮންނަން ޖެހޭނީ އިންސާފުވެރިކޮށް ކަމަށެވެ. އަދި މިނިސްޓްރީން ކުރާ މިފަދަ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރަން ޖެހޭ ކަމަށާއި ކުރިމަގުގައި މިގޮތަށް ބޭއިންސާފުން ކަންކަން ނުވާނެ ގޮތަކަށް އަމަލުތައް ބަހައްޓަން ވެސް އެދިފައިވެ އެވެ.
"ކްލަބް ގްރީން ސްޓްރީޓްސް މިއޮތީ، އިންސާފާއި ހަމަހަމަ ފުރުސަތުތަކަށް ގޮވާލައި، އެހެން ކްލަބްތަކާ އެކު،"
މި މައްސަލައިގައި މަހުލޫފު ވިދާޅުވީ އޭއެފްސީ ކަޕް ކުޅޭ ޓީމަށް މިނިސްޓްރީގެ ބޮޑު އެހީތެރިކަމެއް ދޭނެ ކަމަށް ކުރިން ވަނީ އެފްއޭއެމްއާ ވެސް މަޝްވަރާކުރެވިފައި ކަމަށާއި އަދި އެ ވާހަކަ މަޖްލިސް އަދި މީޑިއާގައި ވެސް ވާނެ ދެކެވިފައި ކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ ސަޕޯޓެއް ނުދީ މިއަދު އިންޑިއާ އާއި ބަންގްލަދޭޝްގެ ޓީމުތަކާ ވާދަކޮށްލަން ރަނގަޅު ބޭރު ކުޅުންތެރިން ނުގެނެވޭނެ ކަމަށާއި މި އެހީގެ މަގުސަދަކީ އެއީ ކަމަށެވެ.
މަހުލޫފުގެ މިނިސްޓަރުކަމުގައި މީގެ ކުރިން ވެސް ވަނީ އޭއެފްސީ ކަޕުގައި ވާދަކުރާތީ ކަމަށް ބުނެ އާއްމު އުސޫލުން ބޭރުން އެހީ ދީފަ އެވެ. އެގޮތުން 2020 ވަނަ އަހަރު އޭއެފްސީ ކަޕުގައި ވާދަކުރި ޓީސީ އަށް 1.5 މިލިއަން ރުފިޔާ ދިން ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.
މާޒިޔާ އަށް މި ފައިސާ ދިން މައްސަލައިގައި، ޓީސީގެ ކުރީގެ ރައީސް އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ނަޝީދު (ޓީސީ ޑޭވް) ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރޭ ޓްވީޓެއް ކުރައްވައިފަ އެވެ. ވަކި ކްލަބަށް މިނިސްޓްރީން އެއް މިލިއަން ރުފިޔާ ދިނީ ސީޒަނަށް ތައްޔާރުވާންތޯ ސުވާލު އުފައްދަވައި، އޭނާ ވިދާޅުވީ ދެން ތިބި ކްލަބްތަކަށް މިހާ ބޭއިންސާފުން ކަންކަންކުރަން ނުޖެހޭ ކަމަށެވެ.
"މި މައްސަލަ އޭސީސީ އަށް ހުށަހަހަޅާން ޖެހޭނެ،" އީގަލްސް އާއި ގްރީންސްޓްރީޓްސް އަދި ބުރު ޓެގްކުރައްވައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޓްވީޓްކުރެއްވި އެވެ.
އެއް ކްލަބަށް މިހާ ބޮޑު އަދަދެއް ދިންއިރު، ގިނަ ކްލަބްތައް އޮތީ ފައިސާގެ ދަތިކަމާ ހެދި އާ ސީޒަނަށް ރަނގަޅަށް ތައްޔާރު ވެސް ނުވެވިފަ އެވެ. ސީޒަން ހުޅުވި މެޗު ކުޅުނު މާޒިޔާ އާއި އީގަލްސް މިދިޔަ ފެބްރުއަރީ މަހު ކުޅުންތެރިން ގަނެ ޕްރެކްޓިސް ފެށި ނަމަވެސް، ހަތަރު ކްލަބްތަކުން ޕްރެކްޓިސް ފެށީ މިދިޔަ ހަފުތާގަ އެވެ.
މާނައަކީ މިރޭ ފަށާ ޕްރެޒިޑެންޓްސް ކަޕުގައި ގިނަ ކްލަބްތައް އެ ކުޅެނީ ރަނގަޅަށް ޕްރީ ސީޒަން ނަހަދައި ހަފުތާއެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު އެވެ.