10 އެޕްރީލް 2023 - 13:45

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި، އެހެން ސައިކަލަކުން ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ރޭ 11:30 ހާއިރު ގެންދިޔަ އުމުރުން 43 އަހަރުގެ ފިރިހެނަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭ ކަމަށެވެ. ނަމަވެސް، އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ހުޅުމާލެ އިން މާލެ އަށް އަރާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި އެހެން ސައިކަލަކުން ޖެހިގެން ހިނގި އެކްސިޑެންޓުގައި އުމުރުން 47 އަހަރާއި 31 އަހަރުގެ މީހަކަށް ވެސް އަނިޔާވި އެވެ. އެ މީހުން ގެންދިޔައީ ސެނަހިޔާ ހޮސްޕިޓަލަށެވެ. ލިބުނު އަނިޔާތަކުގެ މައުލޫމާތެއް ނުލިބެ އެވެ.
ސިނަމާލެ ބްރިޖު މަތީގައި ހިނގާ އެކްސިޑެންޓުތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ބޮޑަށް ފާހަގަކުރެވެނީ ބާރު ސްޕީޑްގައި ދުއްވާފައި ދާ މައްސަލަ އެވެ. ހާއްސަކޮށް ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ވެހިކަލްތައް ދުއްވާ މައްސަލަ ވަރަށް ބޮޑެވެ. ޓްރެފިކް ލައިޓަށް މަޑުނުކޮށް ދާ ވެހިކަލްތައް އެކްސިޑެންޓްވެ، މީގެ ކުރިން ވެސް ސީރިއަސް އެކްސިޑެންޓްތައް ވެފައި ވެ އެވެ.