23 ޖެނުއަރީ 2017 - 12:36

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ކުރި ދައުވާ ސާބިތުވުމާ ގުޅިގެން އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި އޮންނާނެ އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 2015ގެ ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
ދެ ނޫސްވެރިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އެކަމަކު އަދަބު ކަނޑައެޅުން އޮންނާނީ މާދަމާ ބާއްވާ އަޑު އެހުމުގަ އެވެ.
ދެ ނޫސްވެރިންނަށް ދޭނެ އަދަބެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދެ ނޫސްވެރިންގެ ވަކީލު އަބްދުﷲ ހަސީން ހުށަހެޅުއްވީ ދެ ނޫސްވެރިންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުން، 12،000ރ. ގެ ޖޫރިމަނާއެއް ކުރުމަށެވެ.
މި ދެ ނޫސްވެރިންގެ އިތުރުން ފިޔާޒާއި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.