09 އެޕްރީލް 2023 - 16:51

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކ. ހިންމަފުށީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު ޖަޕާނުގަ އެވެ.
އެ އަހަރުގެ މުބާރާތުގައި ވެސް ރާއްޖެއިން ބައިވެރި ވިއެވެ. މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަ ކުރި އެވެ. އިބޫ އަށް ތިން ވަނަ ލިބުނުއިރު ސްމައިލީ ދިޔައީ ހަތަރު ވަނައަށެވެ.
ހިންމަފުށީގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 8 އިން 17 އަށެވެ. މިއާ ގުޅިގެން ދިވެހި ސާފް ލީގުގެ ކަލަންޑަރަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޖުލައި މަހު ހިންމަފުށީގައި ބާއްވަން ހަމަޖެހިފައިވާ ގާމާދޫކޮޅު މުބާރާތް މިވަނީ ޖޫން މަހަށް އަވަސް ކޮށްފަ އެވެ.
ސާފް ލީގުގެ ފުރަތަމަ މުބާރާޓް ކަމަށްވާ ގދ. ގައްދޫ ކަޅެގަލެކޮޑާ މުބާރާތް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފަ އެވެ. ސާފް ލީގުގެ މުބާރާތެއް ދެން އޮންނާނީ މެއި 3 އިން 7 އަށެވެ. މިއީ މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތެވެ.
އޭޝިއަން ޗެމްޕިއަންޝިޕަށް ފަހު ގާމާދޫކޮޅު މުބާރާތް ބާއްވަން މިހާރު ތާވަލް ކޮށްފައި ވަނީ ޖޫން މަހުގެ 14 އިން 18 އަށެވެ. އެއަށް ފަހު ރ. ކިނޮޅަހުގައި ޖުލައި 26 އިން 30 އަށް ހުރާކޮޅު ރާޅުގަނޑު މުބާރާތް ކުރިއަށް ދާނެ އެވެ. އަދި ލީގުގެ ފަހު މުބާރާތް ކަމަށްވާ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖް އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 5 ގެ ނިޔަލަށެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އިތުރުން ރާއްޖޭގެ ސާފިން ޓީމުން ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި މިއަހަރު ވާދަކުރާނެ އެވެ. އޭޝިއަން ޗެމްޕިއަންޝިޕްގެ ކުރިން މެއި މަހު 30 ގައި އެލް ސަލްވަޑޯ ގައި އޮންނަ ވޯލްޑް ސާފިން ގޭމްސް ގައި ރާއްޖެއިން ވާދަ ކުރާނެ އެވެ. އަދި އޮގަސްޓް މަހު ފަހުކޮޅު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވެސް ރާއްޖޭގެ ސާފިން ޓީމު ވާދަ ކުރާނެ އެވެ.
މެޑަލްތަކަކަށް އަމާޒު ހިފައިގެން ގައުމީ ސާފިން ޓީމު އަންނަނީ އެފްރިކާގެ ކްލައިޑް މާޓިންގެ އިތުޝާދުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
މިއަހަރުގެ ގައުމީ ޓީމުގައި ހަ އެތުލީޓުން ހިމެނެ އެވެ. އެއީ ނަޖާހު މުހައްމަދު (ކަނބޯ)، ޖައިލަމް ނިޒާރު، ހޫދު އަހުމަދު (ހޫބްޒް) އަދި އަހުމަދު އާގިލް (އަންމަޑޭ) ގެ އިތުރުން، މިއަހަރު ބޭއްވި ސިލެކްޝަން ޓްރަޔަލްގެ ތެރެއިން ހޮވުނު ސްމައިލީ އާއި އިބޫ އެވެ.