09 އެޕްރީލް 2023 - 14:28

ރ. މަޑުއްވަރީގައި މިއަދު ހިނގި ހާދިސާއެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ނިޔާވެއްޖެ އެވެ.
ތިން ކުދިންގެ ބައްޕަ އަސްލަމް ނިޔާވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ފުލުހުން ބުނީ އުމުރުން 40 އަހަރުގެ އަސްލަމް ނިޔާވީ، ޕިކަޕް ފަހަތަށް ޖެހި ވަގުތު، އޭގެ ފަހަތުގައި ހުއްޓާ ޕިކަޕުން ޖެހިގެން ކަމަށެވެ.
މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ބުނީ، އަސްލަމްގެ ގައިގައި ޕިކަޕުން ޖެހުނީ، ކައުންސިލްގެ އިދާރާގެ ގަރާޖަށް ޕިކަޕް ވައްދަނިކޮށް، ފާރާއި ޕިކަޕާ ދޭތެރޭ ފިތިގެން ކަމަށެވެ.
އެއީ ކައުންސިލް އިދާރާގެ ޕިކަޕް ބާއްވަން ހަދާފައިވާ ގަރާޖެކެވެ.
"އެ ޕިކަޕް ގަރާޖަށް ވެއްދީ ފަހަތަށް. އެ ވަގުތު އަސްލަމް ފާރު ކައިރީގައި ހުރުމުން، ޕިކަޕް ފަހަތަށް ޖެހި ވަގުތު ފާރާ ދޭތެރޭގައި ތާށިވީ. ޕިކަޕްގެ ހައިޑްރޯލިކް ލިފްޓް [މުދާ އަރުވައި ބާލާއިރު މައްޗަށް ނަގާ ބައި] ހުރީ ތިރިކޮށްފައި،" މަޑުއްވަރީން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާގައި އަސްލަމްގެ އެއް ފައި އޮތީ ފަލަމަސްގަނޑު ކައިރިން ބުރިވެފަ އެވެ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެ އެވެ.
ހޯމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އަސްލަމް މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ މީގެ ހައެއްކަ މަސް ކުރިންނެވެ.