ފަސް ބަދަލު ކުރެވޭނެ، ސަސްޕެންޑް ވާނީ ތިން ރީނދޫ ކާޑުން
ފަސް ބަދަލު ކުރެވޭނެ، ސަސްޕެންޑް ވާނީ ތިން ރީނދޫ ކާޑުން

އާ ސީޒަނުން ފެށިގެން ކޮންމެ ޓީމަކަށް މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް އެފްއޭއެމުން އުސޫލު ބަދަލުކޮށްފި އެވެ.

މީގެ ކުރިން މެޗެއްގައި ގެނެވޭނީ ތިން ބަދަލެވެ. އާ އުސޫލުގެ ދަށުން ފަސް ބަދަލު ގެނެވޭނީ ތިން ފުރުސަތެއްގެ މަތިންނެވެ.

މީގެ އިތުރުން ދެ ރީނދޫ ކާޑު ހަމަވުމުން ސަސްޕެންޑްވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މިހާރު ސަސްޕެންޑް ވާނީ ތިން ރީނދޫ ކާޑު ހަމަވުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައަށް ފަސް ބަދަލު ތައާރަފް ކުރި ނަމަވެސް މިދިޔަ ސީޒަންގެ ނިޔަލަށް ރާއްޖޭގައި ކުރެވެނީ ތިން ބަދަލެވެ.

ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، ތިން ފަހަރު މަތިން ފަސް ބަދަލު ކުރުމުގެ އުސޫލަށް އަމަލު ނުކުރެ އެވެ. އެކަމަކު މާދަމާރޭ ފަށާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުން ފެށިގެން ފަސް ބަދަލު ކުރެވޭނީ ކޮންމެ މެޗެއްގައި ވެސް ތިން ފަހަރު މަތިން ކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

އެފްއޭއެމުން މި ސީޒަނުގައި ގެނައި އާ ބަދަލުތަކުގެ ތެރޭގައި، ޓީމު ލިސްޓުގައި ބިދޭސީ ހަ ކުޅުންތެރިން ޖަހަން ދިން ފުރުސަތު ހިމެނެ އެވެ. އެ ހަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު އޭޝިއާގެ ގައުމަކަށް ނިސްބަތް ވާން ޖެހެ އެވެ. މީގެ ކުރިން އޮތީ ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ފުރުސަތެވެ.