10 އެޕްރީލް 2023 - 07:59

އިންޓަނެޓު މެދުވެރިކޮށް ފައިލް ޝެއާކުރާ މަގްބޫލު ބިޓްޓޮރެންޓް ވެބްސައިޓް، "ދަ ޕައިރެޓް ބޭ" އުފެދުނު ގޮތުގެ މައްޗަށް ބިނާކޮށް ސީރީޒެއް ހަދަން ތައްޔާރުވެއްޖެ އެވެ.

"ވެރައިޓީ" ނޫހުން ބުނި ގޮތުގައި، އެމެރިކާގެ ލޮސް އެންޖަލީސް އަށް ނިސްބަތްވާ "ޑައިނަމިކް ޓެލެވިޒަން" އިން މިހާރު ވަނީ ސްވިޑަންގެ އެ ސީރީޒްގެ ކޮޕީރައިޓު ގަނެފަ އެވެ.

އެ ފިލްމުގައި ކިޔައިދޭނީ ހޮލީވުޑްގެ ގިނަބަޔަކު ރުޅިއަރާ "ދަ ޕައިރޭޓް ބޭ" ވެބްސައިޓްގެ ވާހަކަ އާއި އެ އުފެއްދި ސްވިޑަންގެ ތިންކް-ޓޭންކް "ޕައިރެޓްބައިރެން" ގެ ތިން ޒުވާނުން، ޕީޓާ ސުންޑޭ އާއި ފްރެޑްރިކް ނީޖް އަދި ގޮޓްފްރިޑް ސްވެތޯމްގެ ވާހަކަ އެވެ.

އިންޓަނެޓު މެދުވެރިކޮށް ފައިލް ޝެއާކުރުން އޭރުގެ ބޮޑެތި ވިޔަފާރިތަކުން އަމާޒުކުރުމުން، އެ ތިން ޒުވާނުން 2003 ވަނަ އަހަރު "ދަ ޕައިރެޓް ބޭ" ރިލީޒްކުރީ ހިލޭ ފައިލް ޝެއާ ކުރެވޭނެ ގޮތަށެވެ. އަވަސް އަދި ފަސޭހަގޮތަކަށް މައުލޫމާތު ޝެއާކުރުމުގެ އަމާޒުގައި ހެދި އެ ސައިޓު ވެފައިވަނީ ކޮޕީރައިޓެޑް ފިލްމާއި ލަވަ އާއި ފޮތް އަދި ސޮފްޓްވެއާ ފަދަ ތަކެތި ޝެއާކުރާ ސައިޓަކަށެވެ.
އެ ސައިޓުގެ ތިން ކޯ-ފައުންޑަރުންނާ ދެކޮޅަށް އެކި ފަހަރު މަތިން، ފުލުހުންނާއި، އެންޓި-ޕައިރެސީ އޭޖެންޓުންނާއި، ގާނޫނީ ވަކީލުން އަދި ޕްރައިވެޓް އިންވެސްޓިގޭޓަރުން ވަނީ ހޮލީވުޑްގެ ފަރާތުން ފޮނުވައިފަ އެވެ. އަދި އެ މީހުންނާ ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލައި 2009 ވަނަ އަހަރު ޖަލަށްލީ މީހުން ދޫކޮށްލާފައި ވަނީ 2015 ވަނަ އަހަރު އެވެ.
މި ސީރީޒް އުފައްދާ ފަރާތްތަކުން އެ ވާހަކަ ސިފަކުރަނީ "ރައިޒް އެންޑް ފޯލް" ނުވަތަ ކޯ-ފައުންޑަރުން އަރައިގެން އައިސް، އަޑިއަޅާލި ގޮތުގެ ވާހަކައެއްގެ ގޮތަށެވެ. ބައެއް މީހުން ދެކޮޅުވިއަސް، ޕްރޮޑަކްޝަން ޓީމުން ބުނަނީ، އެ ތިން ޒުވާނުންނަކީ ސިޔާސީ އަދި ޑިޖިޓަލް ރިވޮލިއުޝަނެއް ފެށައި، މުނިފޫހިފިލުވުމުގެ ދާއިރާ ބަދަލުކޮށްލި ބައެއް ކަމަށެވެ.
ސްވިޑަންގެ ޑައިރެކްޓަރު ޔެން ޝޯގްރެން ޑައިރެކްޓުކުރާ ހަ އެޕިސޯޑުގެ އެ ސީރީޒް ޕްރޮޑިއުސް ކުރަން ހަމަޖެހިފައި ވަނީ "ބީ-ރީލް ފިލްމްސް" އިންނެވެ. ސީރީޒްގެ ޕްރޮޑަކްޝަން މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅެވެ.