މެޕްސް ކޮލެޖުން "ފުނަރު ޕްރޮގްރާމް"ގެ ދަށުން ހިންގި އައިޓީ ކޯސް ނިމިއްޖެ
މެޕްސް ކޮލެޖުން "ފުނަރު ޕްރޮގްރާމް"ގެ ދަށުން ހިންގި އައިޓީ ކޯސް ނިމިއްޖެ

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން އާއްމު ފަރާތްތަކަށް ހުޅުވާލި މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.

ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އައިޝަތު ރިލްވީނާ އެވެ. އެ ރަސްމިއްޔާތުގައި ރިލްވީނާ ވަނީ އެ ޕްރޮގްރާމަކީ ކާމިޔާބު ޒުވާނުންތަކެއް އުފެއްދުމަށް އެ ޖައްމިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

ރިލްވީނާ ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެއް މަގުސަދަކީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށް ޒުވާނުން ބާރުވެރިކުރުވުން ކަމަށެވެ. އެ މަގުސަދާ ހަމައަށް ވާސިލުވުމަށް ބެލެނިވެރިންގެ އެއްބާރުުން ބޭނުންވާ ކަމަށާއި، އެ ކޯހުގެ ތެރެއިން ދަސްކޮށްދެވުނު ހުނަރުތަކަކީ އެ މަގުސަދުގެ ދަށުން ބާރުވެރި ޒުވާނުންތަކެއް ބިނާ ކުރުމުގެ ގޮތުން ދަސްކޮށްދިން ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

އެ ކޯހާ ގުޅޭ ގޮތުން މެޕްސް ކޮލެޖުން ބުނީ އެ ކޯހަކީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ. އަދި އެ ކޯހުގެ 14 ބައިވެރިންނަށް އައިޓީ ކޯހުގެ އިތުރުން އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ބާރުވެރި މީހަކަށް ވުމަށް ބޭނުންވާނެ ގިނަ ހުނަރުތަކެއް ދަސްކޮށްދީފައި ވާނެ ކަމަށް ވެސް ބުންޏެވެ.

މެޕްސް ކޮލެޖުން ބުނީ އެ ދަރިވަރުންނަކީ ވަޒީފާގެ މާހައުލަށް ފަރިތަ، އަހުލުވެރި ދަރިވަރުންތަކަކަށް ހެދުމުގެ ގޮތުން ކޯހުގެ ބައިވެރިންނަށް ފަލިމް ގްރޫޕުގެ އެއް މަހުގެ އިންޓާންޝިޕެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

"ފުނަރަ ޕްރޮގްރާމް" އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ "ޕްރޮމޯޓިން ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)" ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.