ދިގުރަށުން 2،000 އަކަފޫޓުގެ 77 ގޯތި ދޫކުރަން އިއުލާންކޮށްފި
ދިގުރަށުން 2،000 އަކަފޫޓުގެ 77 ގޯތި ދޫކުރަން އިއުލާންކޮށްފި

އދ. ދިގުރަށުން 2،000 އަކަފޫޓުގެ 77 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ވެސް ކުރަމުން އަންނަ ދިގުރަށުން ދިރިއުޅެން ގޯތި ދޫކުރަން، އެ ރަށު ކައުންސިލުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން.

• ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުން.

• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން މީހަކަށް ދީ، ދޫކޮށްލައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

އެ ރަށުން ގޯތި ދޭ އުސޫލުގައި ބުނެފައިވާ ގޮތުގައި، އެންމެ ގިނައިން ޕޮއިންޓް ލިބޭނީ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ އަދި އުފަންވީރުއްސުރެ އެ ރަށުގެ ރަށްވެއްސަކަށް ވާ ނަމަ އެވެ. އެއީ ޖުމްލަ 65 ޕޮއިންޓެވެ.

ދިގު ރަށު ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު އެ ރަށު ކައުންސިލްގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ލިބޭނެ ކަމަށެވެ. އަދި ޕްރިންޓްކޮށްފައިވާ ފޯމު އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން 10ރ. އަށް ލިބޭނެ ކަމަށެވެ.

ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ނުވަވަނަ ދުވަސް ކަމަށް ވެސް ކައުންސިލްގެ އިދާރާގެ އިއުލާނުގައި ބުންޏެވެ.

މިފަހުން ވަރަށް ގިނަ ރަށްރަށުން އަންނަނީ ގޯތި ދޫކުރަން އިއުލާންކުރަމުންނެވެ. އަދި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލުން އަންނަނީ މި އަހަރުގެ ތެރޭގައި ރަށްރަށުން ގޯތި ދޫކުރަން އިއުލާންކުރަން ތައްޔާރުވަމުންނެވެ.