08 އެޕްރީލް 2023 - 15:22

ވިސާގެ މައްސަލަ ދިމާވި ސަފާ ގްރޫޕުގެ މީހުން އުމްރާ އަށް ގެންދިއުމަށް ޗާޓަރު ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށާއި މި ރޯދަމަހުގެ ފަހު 10 އެއްގައި އެ މީހުން އުމްރާ އަށް ގެންދާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިއުމަށް 130 އަށް ވުރެ ގިނަ މީހުން ފައިސާ ދެއްކި ކަމަށް ވެ އެވެ. އެކަމަކު ވިސާ ނުލިބުނު ކަމަށް ބުނެ، މި ރޯދަމަހުގެ އުމްރާ ދަތުރުތައް އެ ކުންފުނިން ވަނީ ކެންސަލްކޮށްފަ އެވެ.
ދަތުރު ކުއްލިއަކަށް ކެންސަލް ކުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފުރަން ތައްޔާރުވާން އެންގުމަށް ފަހު، އެ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭރު ހެނދުނު ފުރާ މީހުންގެ ލަގެޖްތައް ވެސް ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން އުމްރާވެރިން ނުރުހުން ފާޅުކުރަމުންދަނިކޮށް މިނިސްޓްރީން ވެސް ވަނީ އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނަށް އިތުރު ހަރަދަކާ ނުލައި މި ރޯދަމަހު އުމްރާ އަށް ދެވޭނެ އިންތިޒާމް ހަމަޖައްސަން ކުންފުންޏަށް އަންގައިފަ އެވެ.
އިސްލާމިކް މިނިސްޓަރު، "މިހާރު" އަށް ވިދާޅުވީ އިއްޔެ އެ ކުންފުނީގެ އޮފިޝަލުން މިނިސްޓްރީ އަށް ހާޒިރުކޮށް، އެކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކުގައި ކުންފުނިން ވަނީ "ސަލާމް އެއާ" އާ އެކު ޗާޓަރު ފްލައިޓެއް އެޅުމަށް މިއަދު ސޮއިކުރާނެ ކަމަށް ބުނެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަހު 10 އެއްގައި އުމްރާވެރިން ގެންދާނެ ކަމަށް ވަނީ ބުނެފައި،" ސަފާ ގްރޫޕުގެ އޮފިޝަލުންނާ ހަވާލާދެއްވައި ޒާހިރު ވިދާޅުވި އެވެ.
ސަފާ ގްރޫޕުން ކުރިން ނެރުނު އެންގުމެއްގައި ބުނީ ރޯދަމަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާ އަށް ފުރޭތޯ މިހާތަނަށް ކުރި މަސައްކަތުން އެއްވެސް އަލިމަގެއް ފެންނަން ނެތިގެން ދަތުރު ކެންސަލްކުރީ ކަމަށެވެ.
އެގޮތަށް އުމްރާވެެރިންނަށް އެންގި ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އުމްރާ އަށް ދިއުމަށް ތިން މަސް ދުވަހަށް ވިސާ ލިބޭ ކަމަށާއި ސަފާ ކުންފުނިން އެ ކަންކަން ދުރާލައި ހަމަޖައްސާފައި ނުވާ ކަމަށެވެ. އެ މައްސަލަ ދިމާވީ ސައުދީ ސަރުކާރާއި ރާއްޖެ އިން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.