08 އެޕްރީލް 2023 - 13:28

ނައީމާ މޫސާގެ މަރާ ބެހޭ ގޮތުން ނ. މަނަދޫގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފަށައިފި އެވެ. އަދި، އޭގެ ތެރޭގައި "އެންމެންނަށް ވެސް އެނގޭ" އެކަމަކު ސިއްރު ބައެއް ކަންކަން ވެސް ހިމެނެ އެވެ.

އެންމެންނަށް ވެސް ގަބޫލު ކުރެވޭ ގޮތުގައި 62 އަހަރުގެ ނައީމާ އޮތީ މަރާލައިފަ އެވެ. އެކަމަކު، ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ، އެ އުމުރުގައި އެކަނި އުޅޭ އަންހެނަކު މަރާލަން ޖެހޭ ސަބަބަކީ ކޮބައިކަމެވެ.

"ބައެއް މީހުން ބުނަނީ މިއީ ސިހުރާ ގުޅިފައިވާ މަރެކޭ،" ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށު ތެރޭގައި ކިޔައިއުޅޭ. އެހެންވެ، ބައެއް ކަންކަން އެބަހުރި އޭނާއާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ."
ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ މަނަދޫގައި ނައީމާ ދިރިއުޅެނީ އެކަނިމާ އެކަނި އެވެ. އޭނާ އުޅެނީ އޭނާގެ ގޯތި ބަހައިގެން ލިބުނު ބައިގަ އެވެ. ރަށުގައި އޭނާގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއަކު ދިރިއުޅެ އެވެ. އަނެއް ދެ ދަރިން އުޅެނީ މާލޭގަ އެވެ.
"ނައީމާ އަކީ އަނެއްހެން އާންމު ދިރިއުޅުމެއް ދިރިއުޅޭ މީހެއް. ބަޔަކު ފައިސާގެ ބޭނުމުގައި އޭނާ އަށް އެވަރުކޮށްލައިފާނެއެކޭ ނުވެއް ބުނެވޭނެ. ސަބަބަކީ އެއީ އެހާ ފައިސާ ގެންގުޅޭ މީހެއް ނޫން. އަނެއްކާ މި ރަށަކީ ހަމަ ސިކުނޑި ގަބޫލެއް ނުކުރޭ މި ރަށުގެ އެންމެ ނުބައިކޮށް އެ އުޅޭ ޒުވާނުންނަށް ވެސް މިކަހަލަ ކަމެއް ކުރަން ކެރިދާނެއެކޭ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ގޭންގެއް، ޑްރަގެއް ވެސް އެހެނެއް ނޯންނާނެ."
ރަށު ކައުންސިލްގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ ނައީމާގެ ހަށިގަނޑު ފެނުނީ، އޭނާގެ ހަބަރެއް ނުވެގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކޮށްގެން ފުލުހުން އިއްޔެ އިރުއޮއްސުނުފަހުން އެ ގެއަށް ގޮސް ދޮރުވައްޓާލައިގެން ކޮޓަރި ހުޅުވުމުންނެވެ. އޭރު ނައީމާ އޮތީ ބިންމަތީގައި، ލޭގެ ކޯރެއްގެ ތެރޭގަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހުރީ ވަޅިހަރައިފަ އެވެ. އަދި އެއީ، ބައެއް މީހުން ސިފަކުރި ގޮތުގައި، މީހަކު މަރާލުމުގެ ނިޔަތަށް ވުރެ ބޮޑަށް، ޒާތީ ކަމެއްގެ ހަމަލާތަކެކެވެ. ބުރާސްފަތި ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވާ ކަމަށް ވެ އެވެ.
"އަޑުއެހިން އޮތީ ވިއްސަކަށް ތަނަށް ހަމަލަދީފައޭ ވެސް. ކަރުގައި ވެސް ދެތިން ފަހަރަކު ވަޅި އަޅައިފައޭ ހުރީ،" އެކަކު ބުންޏެވެ.
މި މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ރަށު ކައުންސިލުން ވެސް ބުނަނީ ތަހުގީގު ހިނގަމުން ދާތީ، އެކަމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
"އެކަމަކު މިހާރު ހަށިގަނޑު އޮތީ އާއިލާއާ ހަވާލުކޮށްފައި، ހިނެވުމުގެ ކަންކަން އެބަ ކުރިއަށް ދޭ،" ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު ވިދާޅުވި އެވެ.
ނައީމާގެ މަރާ ގުޅިގެން ރަށު ތެރޭގައި މާ ގިނަ ވާހަކަތަކެއް ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކިއެކި ވާހަކަ ދެކެވުނަސް، ރަށް އޮތީ ހިމޭނުން ކަމަށެވެ.
"ރޯދަ މަސް ވީމަ ކަމަށް ވެސް ވެދާނެ. ތަފާތު ވާހަކަތައް އެބަހުރި. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑު ވެސް އަދި ހަށިގަނޑެއް ނުދެކެން،" ސަބީހު ވިދާޅުވި އެވެ.
"ފުލުހުން މިހާރު ވަނީ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައި. އެހެންވެ ވަޅުލުމުގެ މަސައްކަތުގައި މިހާރު މި އުޅެނީ."
ނައީމާ އެކަނި ދިރިއުޅެމުން ދަނީ ކީއްވެގެންތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެ ގޭގެ އެހެން ބައިތަކުގައި މީހުން އުޅޭ ކަމަށެވެ. އެކަމަކު ސިހުރުގެ ވާހަކައާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވަ އެވެ.
ނައީމާގެ މަރާ ގުޅިގެން މަނަދޫން ވަނީ އެއްވެސް މީހަކު އަރައިފޭބުން މަނާކޮށްފަ އެވެ. ޕޮލިސް ސްޓޭޝަނެއް ވެސް ހުންނަ އެ ރަށަށް ރޭ ދަންވަރު، ތަހުގީގުކުރާ އިތުރު ޓީމެއް ވެސް ވަނީ ގޮސްފަ އެވެ.