08 އެޕްރީލް 2023 - 12:08

އިއްޔެ ހަވީރު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަންހެން މީހާގެ މަރުގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް އެ ރަށަށް ހިނގައްޖެ އެވެ.
އެކަނި ގެއެއްގައި ދިރިއުޅޭ ނައީމާ މޫސާ، 62، ގެއްލިގެން، އިރުއޮއްސުނު ފަހުން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ކޮޓަރި އަށް ވަން އިރު، އޭނާ ފެނުނީ މަރުވެފައި އޮއްވަ އެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ރޭ ބުނިގޮތުގައި ނައީމާ އޮތީ މަރާލައިފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ބައެއް ގުނަވަންތައް ވަކިކުރަން ވެސް މަސައްކަތް ކޮށްފައި ހުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
އެ މަރުގެ ތަހުގީގަށް މާލެ އިން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ގޮސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏަސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެ އަންހެންމީހާގެ މަރާ ގުޅިގެން، އެ ރަށުން އެއްވެސް މީހަކު ފުރުމާއި ރަށަށް އެއްވެސް މީހަކު ހުއްދަ ނުހޯދައި ދިއުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ އެންގުން އެންގީ ފުލުހުންގެ އެދުމުގެ މަތިންނެވެ.