08 އެޕްރީލް 2023 - 09:46

ޕީއެސްޖީގެ ސީޒަން ޓިކެޓުގެ ވީޑިއޯ އިޝްތިހާރުގައި އޭނާ ބޭނުންކޮޮށްފައިވާތީ އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ޕީއެސްޖީން މިހާރު ވަނީ ހަމައެކަނި އެމްބާޕޭ ބޭނުންކޮށްގެން ހެދި އެ އިޝްތިހާރު ވެބްސައިޓުންނާއި ޔޫޓިއުބް ޗެނަލުން ނަގައިފަ އެވެ.
އެމްބާޕޭ ބުނީ އެ ވީޑިއޯ އަކީ، ކްލަބުން ނެގި އިންޓަވިއުއެއް ކަމަށާއި، އެކަމަކު އެ އިންޓަވިއުގެ ވީޑިއޯ ބޭނުންކުރި ގޮތާ މެދު އެއްބަސްނުވާ ކަމަށެވެ.
"ޕީއެސްޖީ އަކީ ބޮޑު ކްލަބެއް އަދި ބޮޑު އާއިލާއެއް. އެކަމަކު ޔަގީނުން ވެސް މިއީ ކީލިއަން ސެއިންޓް ޖާމައިން އެއް ނޫން،" އެމްބާޕޭ ބުންޏެވެ.
މި އިޝްތިހާރުގައި ޕީއެސްޖީގައި ދެން ތިބި ދެ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ނޭމާ ބޭނުންކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ހިތްހަމަ ނުޖެހުނު އެއް ސަބަބަކީ، ތަރިން ގިނަ ޓީމުން ހަމައެކަނި އޭނާ އެ އިޝްތިހާރުގައި ބޭނުންކޮށްފައި ވުމުން، އޭގެ ނުރަނގަޅު ފާޑުކިއުން އަމާޒުވެދާނެތީވެ އެވެ.
އެމްބާޕޭ މަޑުކުރުވަން އެ ކްލަބުން މިދިޔަ އަހަރު ދިން ރެކޯޑް ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް ބޮޑެތި ބާރުތަކެއް ލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއާ އެކު ފާޑުކިޔުން ބޮޑުވި އެވެ. އެހެންވެ، ކްލަބަށް ވުރެ މަތީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރާއި ކޯޗަށް ވުރެ މަތިން ނިންމުން ނިންމާ މީހެއްގެ ގޮތުގައި ސިފަވާން އެމްބާޕޭ ބޭނުން ނުވެ އެވެ.
ގަތަރުގެ ބިލިއަނަރުން ހިންގާ ޕީއެސްޖީން އަންނަނީ ފާއިތުވި ކޮންމެ ޓްރާންސްފާ ބާޒާރެއްގައި ބޮޑެތި ހޭދަތަކެއްކޮށް މަޝްހޫރު ކުޅުންތެރިން ގެންނަމުންނެވެ. އެކަމަކު އަދިވެސް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދޭ ގޮތެއް ނުވެ އެވެ. އެކަމާ ހިތްހަމަނުޖެހި ކްލަބުގެ ބައެއް ސަޕޯޓަރުން ދާދި ފަހުން ވަނީ، މެސީއާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.