07 އެޕްރީލް 2023 - 23:09

ނ. މަނަދޫގައި މިއަދު ހަވީރު ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރި އަންހެން މީހާ ފެނުނު އިރު އޮތީ، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލައިފައި ކަމަށް، "މިހާރު" އަށް އެނގިއްޖެ އެވެ.
އެކަނި ގެއެއްގައި ދިރިއުޅޭ އެ އަންހެން މީހާ ގެއްލިގެން، އިރުއޮއްސުނު ފަހުން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ކޮޓަރި އަށް ވަން އިރު، އަންހެން މީހާގެ ހަށިގަނޑު އޮތީ ބިންމަތީގަ އެވެ. އޭރު އޮތީ މަރުވެފަ އެވެ.
ހަށިގަނޑު އޮތް ތަނުގައި ވަރަށް ގިނައިން ލޭ ހުރި ކަމަށް، ނަން ނުޖަހަން އެދި ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައި އޮތް ކަމަށާއި ބެލެވޭ ގޮތުގައި އޭނާގެ ކަރު ވެސް ބުރިކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް، މައުލޫމާތު އެނގޭ މީހާ ބުންޏެވެ.
"އޭރުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހަށިގަނޑު އޮތީ. އަދި ހޮސްޕިޓަލަކަށް ވެސް ހަށިގަނޑެއް ނުގެންދޭ. އެކަމަކު ޑޮކްޓަރަކު ގޮސް ހަށިގަނޑު ބެލި،" އޭނާ ބުންޏެވެ.
އުމުރުން 62 އަހަރުގެ އެ އަންހެންމީހާގެ މަރާ ގުޅިގެން، އެ ރަށުން އެއްވެސް މީހަކު ފުރުމާއި އެ ރަށަށް އެއްވެސް މީހަކު ހުއްދަ ނުހޯދައި ދިއުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ އެންގުން އެންގީ ފުލުހުންގެ އެދުމުގެ މަތިންނެވެ.
އެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.