ސަފާ އިން ބުނަނީ އެ ގްރޫޕުގެ މީހުން އަންނަ ހަފުތާ އުމްރާ އަށް ފުރާނެ ކަމަށް
ސަފާ އިން ބުނަނީ އެ ގްރޫޕުގެ މީހުން އަންނަ ހަފުތާ އުމްރާ އަށް ފުރާނެ ކަމަށް

ވިސާގެ މައްސަލަ ދިމާވި ސަފާ ގްރޫޕުގެ މީހުން އަންނަ ހަފުތާގައި އުމްރާ އަށް ފޮނުވަން ނިންމައިފި އެވެ.

މި އަހަރުގެ ރަމަޟާން އުމްރާ އަށް އެ ކުންފުނިން ހެދި ވައިބަ ގްރޫޕުގައި، ސަފާ ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް މުހައްމަދު ވިދާޅުވީ ރޯދައިގެ 20 ވަނަ ދުވަހު (އަންނަ އަންގާރަ ދުވަހު) އުމްރާވެރިން ގޮވައިގެން ފުރުމާ ބެހޭ އެއްބަސްވުމެއްގައި މާދަމާ ސޮއިކުރާނެ ކަމަށެވެ.

އެކަން ހަމަޖެހެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއަސް ތަފްސީލެއް ނުދެއްވަ އެވެ. ނަސީމަށް "މިހާރު"ން ގުޅުމުން ފޯނު ނުނަންގަވާތީ، ވިސާ ހަމަޖެހުނީ ކަމެއް އަދި އުމްރާ އަށް މީހުން ގެންދަން މިހާރު ކުރާ މަސައްކަތުގެ މައުލޫމާތެއް ނުލިބެ އެވެ.

ނަމަވެސް، ވިސާ ނުލިބުނު ކަމަށް ބުނެ، މި ރޯދައިގެ އުމްރާ ދަތުރު އެ ކުންފުނިން ކެންސަލް ވެސް ކުރި އެވެ.

ސަފާ ގްރޫޕުން ރޭ ނެރުނު އެންގުމެއްގައި ބުނީ ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާއަށް ފުރޭތޯ މިހާތަނަށް ކުރި މަސައްކަތުން "އެއްވެސް އަލިމަގެއް ފެންނަން ނެތް" ކަމަށެވެ. އެހެންވެ، މި އަހަރުގެ ރޯދަ މަހުގެ އުމްރާ ދަތުރު ކެންސަލްކުރީ ކަމަށް ބުންޏެވެ.

އެކަމަކު، އެ ކުންފުނިން އެގޮތަށް އެންގިއިރު އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާ އަށް ދާން ފައިސާ ދެއްކި މީހުންނަށް އިތުރު ހަރަދަކާ ނުލައި މި ރޯދަ މަހު އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަން އަންގައިފަ އެވެ.

މިނިސްޓްރީން ބުނީ އުމްރާއަށް ދިއުމަށް ތިން މަސް ދުވަހަށް ވިސާ ލިބޭ ކަމަށާއި ސަފާ ކުންފުނިން އެ ކަންކަން ދުރާލާ ހަމަޖައްސާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ސައުދީ ސަރުކާރުން އަދި ރާއްޖެއިން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 130 އަށްވުރެ ގިނަ މީހުން ފައިސާ ދެއްކި ކަމަށް ވެ އެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ބުރާސްފަތި ދުވަހު ހެނދުނު ފުރަން ތައްޔާރު ވާން އެންގުމަށް ފަހު ފަތިހު އެންގީ ވިސާ ހަމަނުޖެހޭ ކަމަށެވެ. އޭރު ހުރީ ކުރިން ލަގެޖްތައް ވެސް އެއާޕޯޓަށް ގެންގޮސްފަ އެވެ.

ވިސާގެ އެއްވެސް މައްސަލައެއް އުޅޭ ކަމަށް ކުރިން ބުނެފައި ނެތް ކަމަށާއި ފުރޭ ގޮތް ނުވުމުން ފައިސާ އަނބުރާ ދޭން އެދުމުން ވެސް ވަކި ޖަވާބެއް ނުދޭ ކަމަށް އެ ޖަމާއަތަށް ފައިސާ ދެއްކި ބައެއް މީހުން ބުންޏެވެ.