އޭއެފްސީގެ ލީގަލް ކޮމިޓީ އަށް އެފްއޭއެމްގެ ޖައުޝަން
އޭއެފްސީގެ ލީގަލް ކޮމިޓީ އަށް އެފްއޭއެމްގެ ޖައުޝަން

އެފްއޭއެމްގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ލީގަލް ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.

މިއީ އޭއެފްސީގެ ލީގަލް ކޮމިޓީ އަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭއެފްސީގެ ލީގަލް ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޭއެފްސީ އާ ގުޅޭ ހަރަކާތްތަކުގެ ގާނޫނީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެފަދަ ކަންކަމާ ގުޅޭ ގޮތުން އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމާއި، އޭއެފްސީގެ ގާނޫނުތަކާއި ގަވާއިދުތައް ބަލައި މުރާޖާކޮށް، އިސްލާހުތައް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް އޭއެފްސީގެ މެމްބަރު އެސޯސިއޭޝަންތަކާއި ސަރަހައްދީ އެސޯސިއޭޝަންތަކުގެ ގާނޫނީ މައްސަލަތައް ތަހުލީލުކޮށް އިސްލާހު ކުރުމަށް މަސައްކަތް ކުރުމާއި ފުޓުބޯޅަ ޑިވެލޮޕްމަންޓްގެ މަސައްކަތްތަކާ ގުޅޭ ގާނޫނީ ލަފާ ދޭނީ ވެސް އޭއެފްސީގެ ލީގަލް ކޮމިޓީންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަކީ އޭއެފްސީގެ އެސޯސިއޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނެވެ. އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަކީ އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރެކެވެ.

ޖައުޝަން އަކީ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ އިން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ސެންޓްރަލް ރިޒަލްޓް މެނޭޖްމަންޓް ޕެނަލް އަށް އައްޔަންކޮށްފައިވާ މެމްބަރެއް ވެސް މެ އެވެ.

ޖައުޝަން ވިދާޅުވީ ބައިނަލްއަގުވާމީ މަގާމެއް ފުރުއްވަމުން ގެންދަވަނިކޮށް އޭއެފްސީ އިން މި ލިބުނު ފުރުސަތަކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޖައުޝަން އަކީ 2007 ވަނަ އަހަރުން ފެށިގެން އެފްއޭއެމް ގައި މަސައްކަތް ކުރައްވަމުން އަންނަ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެކެވެ. ކުޅިވަރު ޑިވެލޮޕްމަންޓް އޮފިސަރެއްގެ އިތުރުން އުމުރުފުރާތަކުން ފެށިގެން ސީނިއާ ގައުމީ ޓީމުތަކުގެ މީޑީއާ އޮފިޝަލެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައިވާ ޖައުޝަން ވަނީ 2016 ވަނަ އަހަރު އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ އަހަރުން ފެށިގެން އޭނާ އަންނަނީ އެފްއޭއެމްގެ ލީގަލް ޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.

ފުޓްބޯޅައިގެ އިތުރުން ޖައުޝަން ވަނީ 2016 އިން 2021 އަށް ރާއްޖޭގެ ހޭންޑްބޯޅް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގެ ޗެސް އެސޯސިއޭޝަންގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރުކަން ކުރައްވައި، ޖެހިގެން އައި އަހަރު ގައުމީ ބޮޑީބިލްޑިން ފެޑެރޭޝަންގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާފައިވެ އެވެ.

ކުޅިވަރުގެ ދާއިރާއިން ޖައުޝަން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު އޭނާ އަށް ސަރުކާރުން ވަނީ ގައުމީ އިނާމު ދީފަ އެވެ.