07 އެޕްރީލް 2023 - 05:48

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް ސައޫދީން ވިސާ ހަމަނުޖެހިގެން ކަމަށް ބުނެ ދަތުރު ކެންސަލްކުރުމުން އެ މީހުންނަށް އިތުރު ހަރަދަކާ ނުލައި މި ރޯދަ މަހު އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީން އެންގުމުން ވެސް ދެން މި ރޯދަ މަހު އުމްރާއަށް ނުގެންދެވޭނެ ކަމަށް ސަފާ އިން ބުނެފި އެވެ.
އެ ކުންފުނިން މި ރޭ ނެރުނު "ދަންނަވާލުމެއް" ގައި ބުނީ މި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މައްކާއަށް ފުރޭތޯ މިހާތަނަށް ކުރި މަސައްކަތުން "އެއްވެސް އަލިމަގެއް ފެންނަން ނެތް" ކަމަށެވެ. އެހެންވެ، މި އަހަރުގެ ރޯދަ މަހުގެ އުމްރާ ދަތުރު ކެންސަލްކުރީ ކަމަށް ބުންޏެވެ.
ސަފާ އިން ބުނީ އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ދަތުރާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވަކިވަކިން ގުޅަމުންދާނެ ކަމަށެވެ.
ސަފާ އިން މިގޮތަށް އެންގި ނަމަވެސް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްރާވެރިންގެ އަތުން އިތުރު ފައިސާ ނެގުމަކާ ނުލައި، ވީހާ ވެސް އަވަހަކަށް ރަމަޟާން މަހުގެ އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
މި ފަދަ މަތިވެރި އަޅުކަމަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު، ފުރަން އޮންނަ ދުވަހަށް ފުރޭގޮތް ނުވުމަކީ އެ މިނިސްޓްރީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް ދިއުމަށް ތިން މަސް ދުވަހަށް ވިސާ ލިބޭ ކަމަށާއި ސަފާ ކުންފުނިން އެ ކަންކަން ދުރާލާ ހަމަޖައްސާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ސައުދީ ސަރުކާރުން އަދި ރާއްޖެއިން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެކެވެ. އެ ވިސާ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން ވެސް ދެ އެވެ. އެކަމަކު، ސަފާ ގްރޫޕަށް މީހުން އުމްރާއަށް ނުފޮނުވުނީ ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖައްސައިދީފައިނުވާތީ އެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 130 އަށްވުރެ ގިނަ މީހުން ފައިސާ ދެއްކި ކަމަށް ވެ އެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ބުރާސްފަތި ދުވަހު ހެނދުނު ފުރަން ތައްޔާރުވާން އެންގުމަށް ފަހު ފަތިހު އެންގީ ވިސާ ހަމަނުޖެހޭ ކަމަށެވެ. އޭރު ހުރީ ކުރިން ލަގެޖްތައް ވެސް އެއާޕޯޓަށް ގެންގޮސްފަ އެވެ. ވިސާގެ އެއްވެސް މައްސަލައެއް އުޅޭ ކަމަށް ކުރިން ބުނެފައި ނެތް ކަމަށާއި ފުރޭ ގޮތް ނުވުމުން ފައިސާ އަނބުރާ ދޭން އެދުމުން ވެސް ވަކި ޖަވާބެއް ނުދޭ ކަމަށް އެ ޖަމާއަތަށް ފައިސާ ދެއްކި ބައެއް މީހުން ބުންޏެވެ.
ސަފާ އިން ދީފައިވާ ފޯނު ނަންބަރުތަކަށް ގުޅިޔަސް ފޯނަށް ޖަވާބު ނުދޭތީ އެ ކުންފުނީގެ ބައެއް ވަނީ މިކަމުގައި ލިބޭ ގޮތް ނުވެފަ އެވެ.
މި ރޯދަ މަހުގެ ފަހު 10 އާ ދިމާކޮށް ރާއްޖޭން ގިނަ ބަޔަކު ވަނީ އުމްރާއަށް ފުރައިފަ އެވެ. ނަމަވެސް، މިހާތަނަށް ވިސާގެ މައްސަލައެއް ކުރިމަތިވެފައެއް ނުވެ އެވެ.