23 ޖެނުއަރީ 2017 - 10:40

މެލްބަން (ޖެނުއަރީ 23) - ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮޖާ ފެޑެރާ މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ފެޑެރާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ އަށް އޮލިމްޕިކްސް އާއި އެހެން ބޮޑެތި މުބާރާތްތައް ގެއްލުނެވެ.
އޮސްޓްރޭލިއަން އޯޕަން ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ފެޑެރާ މުބާރާތުގެ ކުއާޓާގެ ފުރުސަތު ހޯދީ ޖަޕާންގެ ކެއި ނިޝިކޯރީ ބަލިކުރުމަށް ފަހު އެވެ.
އުމުރުން 35 އަހަރުގެ ފެޑެރާގެ މޮޅު ކުޅުން ފެނުނު މި މެޗުގެ ސެޓުތައް ދިޔައީ 6-7، 6-4 ،6-1 4-6 6-3 އިންނެވެ. ކުއާޓާ ފައިނަލުގައި ފެޑެރާ ނުކުންނާނީ މިޝާ ޒްވެރެވްއާ ދެކޮޅަށެވެ. ޒްވެރެވް ކުއާޓާ އިން ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އެންޑީ މަރޭ ކަޓުވާލުމަށް ފަހު އެވެ.
އަނިޔާގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހު ފެޑެރާ ދުނިޔޭގެ ރޭންކިންގެ ގަދަ 10 އަކުން ބޭރުވި އެވެ. ފެޑެރާ ވަނީ 734 ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިން ގަދަ 10 ގައި މަގާމު ދަމަހައްޓައިފަ އެވެ. މި މުބާރާތަށް ފެޑެރާ ނުކުތްއިރު އޭނާ ސީޑްކުރެވިފައިވަނީ 17 ވަނައިގަ އެވެ.
"އަނިޔާގައި ހުރިއިރު ވެސް އެންމެ ބޮޑު ވިސްނުމަކީ އަލުން ކުރިން ކުޅުނު ކުޅުން ތަކުރާރު ކުރެވޭތޯ މަސައްކަތްކުރުން. މި މުބާރާތުގައި މިހާތަނަށް އަދި ދިޔައީ ރަނގަޅަށް. ކުރިއަށް ހުރި މެޗުތަކުގައި މި އަށް ވުރެ މޮޅަށް ކުޅެން ބޭނުން،" ފެޑެރާ ބުންޏެވެ.
ދުނިޔޭގެ ރޭންކިން އެންމެ ކުރީގައި އުޅޭ މަރޭ އާއި ނޮވަކް ޖޮކޮވިޗް މި މުބާރާތުން ކަޓާފައިވާއިރު، މި މުބާރާތުގެ ފޭވަރިޓަކަށް މިހާރުވެފައިވަނީ ފެޑެރާއާ އެވެ.