07 އެޕްރީލް 2023 - 10:00

ހަޔާތެއްގެ ހަރުދަނާ ބިންގަލަކީ ގޭގެ އޮޅިގަނޑުގެ ހުރި ފަންވަރެކެވެ. އެ އޮޅިގަނޑަކީ އާރުލާ ލަކުޑީގެ އާއިލާއަކުން ތައްޔާރު ކުރެވިފައިވާ ތަނެއް ނަމަ އެ ގޭގެ އުފާވެރިކަން ދާއިމަށް ދެމިގެންވެއެވެ. ޒަވާޖީ ހަޔާތަށް ވެސް ގެންނަން ވާނީ އޯގާތެރިކަމާއި ރަހުމާއި ކުލުނުގެ ނަސަބަކުން އައިސްފައިވާ ހެޔޮ ބައިވެރިއެކެވެ.
*****
ކައިވެނީގެ ފޮނި މީރުކަމުން އުފާ ހާސިލްކުރަމުން ދިޔައިރު ވަގުތުތައް ދިޔަ ގޮތް ވެސް ނޭނގުނެވެ. އަހަންނާއި ނިހާމާގެ ކައިވެންޏަށް ދެ އަހަރު ފާއިތު ވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށްހެން ހީވިއެވެ. ދެ މީހުންގެ ލޯބީގެ ނިޝާނެއްގެ ގޮތުން ކުޑަ ކުޑަ ނީވް ވެސް ލިބުނެވެ. ފުރަތަމަކޮޅުގައި މަންމަ އަބަދުވެސް ނީވް ގޮވައިގެން އުޅޭ ތަން ފެނެއެވެ.
"ކޮބައިތަ މަންމަ؟" މަންމަ ނުފެނި ހަފްތާއެއް ވުމުން އަހަރެން ސުވާލުކުރީމެވެ.
"ހީވަނީ ބޭރަށް ނިކުމެލީހެން." ނިހާމާ އަވަސް އަވަހަށް ބުންޏެވެ.
އިރެއްގައި މަންމައަކީ އަހަރެންގެ ހުރި ހަމައެކަނި މީހާ އެވެ. އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައި ކުއްލިގޮތަކަށް ބައްޕަ ނިޔާވުމާ ގުޅިގެން އަހަރެން ބެލުމުގެ ހުރިހާ ޒިންމާއެއް ނެގީ އަހަރެންގެ މަންމައެވެ. ރެއާއި ދުވާލު އެ ފަކީރުގެ ހުރިހާ އެދުމެއް ގުރުބާން ކުރަމުން ދިޔައީ އަހަންނަށް ޓަކައެވެ.
އަހަންނަކީ އެ މަންމަ އާއި ބައްޕައަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން، މަންމަގެ އުންމީދަކަށްވީ އަހަރެންގެ ބޭނުންތައް އެއްވެސް ދަތި ކަމަކާއި ނުލާ ފުއްދައި ދިނުމަށެވެ. ޅަ އުމުރުގައި ބައްޕަ ނިޔާވި ނަމަވެސް އަހަރެންގެ ހައްޤުގައި އަލުން އާ ޒަވާޖީ ހަޔާތެއް ނުފަށައެވެ.
ކިޔެވުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދައިދެނީ ދުވާލު ހަތަރުދަމު ގޭގޭގައި މަސައްކަތް ކޮށްދީގެންނެވެ. ދޮވެ އިސްތިރިކުރުމެވެ. މީސްމީހުންގެ ގެވަޅުތައް ކުނިކެހުމެވެ. ކޮންޓްރެކްޓް އުސޫލުން ރަށްކުނިކަހާ ގުރޫޕަކާ ގުޅިގެންނެވެ. ހަވާދު ހަދާ ވިއްކައިގެންނެވެ. އަދިވެސް މި ނޫން ވެސް އެތައް ކަމެކެވެ.
"މަންމައަށް އެނގޭ ދަރިފުޅު މަންމަ ކުރި ބުރަ މަސައްކަތުގެ ނަތީޖާގެ މޭވާ ނުހަނު ފޮނިކޮށް ހޯދާނެކަން." ނަތީޖާ ލިބުނު ދުވަހު އެންމެންގެ ކުރިމަތީގައި ރޮވިފައިވާ މަންމަ އަހަރެންގެ ގައިގައި ބައްދާލާފައި ބުންޏެވެ.
އަހަރެންގެ ތަޢުލީމީ ހަޔާތުގެ އެންމެ ފަހު ހަރުފަތް ގިރާކުރީ މަންމަ ފަޚުރުވެރި ވާފަދަ ނަތީޖާއަކާ އެކުގައެވެ. ކިޔެވި ކޯހުން އެއްވަނަ ހޯދައިގެންނެވެ. އެހެންކަމުން އަހަންނަށް ވަރަށް ފަސޭހަކަމާ އެކު ވަޒީފާ ހަމަޖެހުނެވެ.
"ހަގީގަތުގައި މަންމަ މިހާރު ވަރަށް ބަލިވެއްޖެ. މަންމަ ދުނިޔޭގައި ހުއްޓާ ދަރިފުޅު އަވަހަށް މީހަކާ އިނދޭ." އެއްދުވަހު މަންމަ އަހަރެންނަށް ކާން ހަދައިދެމުން ބުންޏެވެ.
އަދާކުރަން ޖެހުނު ވަޒީފާގެ ގޮތުން ބައެއް ރޭރޭ ގެއަށް އާދެވެނީ ދަންވަރެވެ. އެފަދަ ރޭތަކުގައި އަހަރެންނަށް ކާން ހަދައިދިނުމަށްޓަކައި މަންމަ ކިތަންމެ ދަމެއް ވިޔަސް ހޭލާ އިނދެއެވެ. އަދި އޮފީހުގައި ގިނަ ވަގުތު އުޅެން ޖެހުމުގެ ސަބަބުން މަންމައަށް މާ ބޮޑަކަށް އަޅައެއް ނުލެވެއެވެ.
އެހެންކަމުން އަހަރެން ގަސްތުކުރީ އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ނިހާމާ އާއި ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރާށެވެ. އޭނާއަކީ ކުރިން އަހަރެން ގާތަށް ޓިއުޝަނަށް އައި ކުއްޖެކެވެ.
ޒަވާޖީ ހަޔާތެއްގެ މުހިއްމުކަން އަހަރެންނަށް ވުރެ ބޮޑަށް ނިހާމާ އަށް އެނގެއެވެ. ބައިވަރު ކުދިންތަކެއްގެ އާއިލާއަކުން އައި ނިހާމާއަށް މި ކައިވެނިން އޭނާއަށް ނުލިބުނު ރީތި އަންނައުނާއި ރީތިވާ ސާމާނު ލިބޭނެކަން އެނގެއެވެ. ގިނަ ކުދިންތަކަކާ އެކު އުޅެން ޖެހިފައިވާ ދިރިއުޅުމެއްގައި ހަމަޖެހުމެއްނެތް ނުތަނަވަސްކަމުން އަރައިގަންނާނެ މަގު ހޯދަން އޭނާއަށް ދަސްވިއެވެ. ވީމާ ދެ މީހުންގެ ކައިވެނި ކުރެވި ނިހާމާ އަހަރެމެންގެ ގެއަށް ބަދަލުވިއެވެ. މިކަމާ އަހަރެންގެ މަންމަ ނިހާޔަތަށް އުފާކުރިއެވެ.
ނަމަވެސް އަހަންނަށް ނޭނގި އޮތް ހަގީގަތަކީ ގޭތެރޭގައި މަޑުމަޑުން ނަމަވެސް މައްސަލަތަކެއް ޖެހެމުން އަންނަ ކަމެވެ.
ކޮންމެ ދުވަހަކު ނިހާމާގެ ޝަކުވާތައް އަޑު އިވެން ފެށިއެވެ. އަދި ހަމަ އެހެންމެ ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ ޝަކުވާތައް ދިޔައީ އިތުރު ވަމުންނެވެ. ދުވާލުދާ ހަތަރުދަމު އޮފީހުގައި ބުރަކޮށް މަސައްކަތް ކުރުމަށް ފަހު، އަރާމު ކޮށްލަން ލިބޭ ވަގުތުކޮޅު އަނބިމީހާގެ ޝަކުވާތައް އަޑުއަހަން ޖެހުމުން އަހަރެންގެ ރުޅި މަތަ ކުރެވޭ ވަރެއް ނުވެއެވެ.
"މަންމަ ނިކަން ނިހާމާއަށް އެހީވެބަލަ." އަހަރެން މަންމައާ ދިމާއަށް ބާރަށް އެއްޗެކޭ ބުނީ އެ ދުވަހުއެވެ.
މިހާރު މިއީ އަހަރެންގެ އާދައެވެ. ކޮންމެ ދުވަހަކުހެން މަންމަ އާ ދިމާއަށް އެއްޗެހި ކިޔުމެވެ. އަދި ނުވިތާކަށް 9 މަހާއި 10 ދުވަސް ވަންދެން ބަނޑުގައި ގެންގުޅެ އެތައް ވޭނަކާ އެކު ވިހޭ މައިމީހާ ވެދިން ގުރުބާނީގެ ބަދަލު ވެސް ދިނީ އުންމީދު ނުކުރެވޭހާ ހިތި ގޮތަކަށެވެ.
"ކޮބައިތަ މަންމަ..؟'' މަންމަ ނުފެނިގެން އަހަރެން އެހީމެވެ.
"އަބަދު އޮފީހުގައި އެހާ ބުރަކޮށް އުޅޭ މީހުން އަދި އަމުދުން ގެއަށް އާދެވޭ ވަގުތު އެހާ މަދު މީހުންނަށް މަންމައަކާ ވެސް ދިމައެއް ނުވާނެ." ނިހާމާގެ ޝަކުވާ އޮއްސާލިއެވެ.
"މިހާރަކަށް އައިސް މަންމަ ނުފެނޭ..." އަހަރެން ބޭނުންވީ މަންމަ ދެކިލާށެވެ. އެއްޗިހި ކިޔޭ ނަމަވެސް ބައެއްފަހަރު މަންމަ ފެނިލުމުން ލިބޭ އުފާ ނުލިބޭތީއެވެ.
"ކަލޭގެ މަންމައަކީ މޮޔައެއް. އަބަދު އުޅެނީ އެ އުމުރުގެ އަންހެނުންނާ އެކު ބޭރުގަ. ކީއްވެތަ އޭނާ ގުރައިދު އަށް ފޮނުވާ ނުލެވިގެން ތިއުޅެނީ؟" ނިހާމާ އެރޭ ޒުވާބު ކުރަމުން ބުންޏެވެ.
އެންމެ ފަހުން ޝަކުވާ މަދުކޮށް، ދިރިއުޅުން ރަނގަޅު ކުރުމުގެ އުންމީދުގައި ނިހާމާ ގާތު މަންމަގެ ވާހަކަ އެހުން ހުއްޓާލީއެވެ. އަދި ތިންމަސް ދުވަހުގެ ކުރު ކޯހެއްގައި ފުރަން އޮތް ވާހަކަ ނިހާމާ ގާތު ބުނީމެވެ.
"ދެން މުސާރަ ވެސް ބޮޑުވާނެދޯ." ނިހާމާ ހުރީ ވަރަށް އުފަލުންނެވެ.
"ދަރިފުޅު ފުރަން އުޅޭ ވާހަކަ މަންމަ ގާތު ނުވެސް ބުނޭ. މަންމައަކަށް ނުފެނޭ ދަރިފުޅު ރަށުން ބޭރަށް ދާކަށް." އެތެރެއަށް ވަދެގެން އައި މަންމަ މަޑުމަޑުން ބުންޏެވެ.
"ނިހާމާ ބުނަނީ ތެދެއް. މަންމަ ގެއަކު މަޑެއް ނުވޭ. އަހަރެން މީހަކާ އިނީމަ އަބަދު ތިއުޅެނީ މަޖާ ކުރުމުގައި. މި އުމުރުގައި ކޮން ހިނގުމެއް ހިނގާކަށް. ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފަރުވާކުރަން ފޮނުވާލީމަ ތިޔަ މޮޔަކަން ވެސް ފިލައިފާނެ." އަހަރެން ރުޅިއައިސްގެން ބުނީމެވެ.
އެހެންނަމަވެސް އެ މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ. އިސްޖަހާލައިގެން ސޯފާގައި އިނީއެވެ. ފުރައިގެން ދިޔައީ އަހަރެން ހިތަށް އައިހާ އެއްޗެއް މަންމަ އާއި ދިމާއަށް އެރޭ ކިޔައިފައެވެ. އަހަރެންނާއި ނިހާމާ ރީތި ދިރިއުޅުމެއް އުޅޭތަން ދެކެން މަންމަ ބޭނުން ނުވަނީ ކަމުގައި ވެސް އެރޭ ބުނެވުނެވެ.
އަހަރެން ފުރައިގެން ދިޔައީމެވެ. ކޮންމެ ދުވަހަކު ދެތިން ފަހަރަކު ނިހާމާއަށް ގުޅަމެވެ. ގިނަފަހަރު އޭނާ ފޯނަށް ޖަވާބެއް ނުދެއެވެ. ވާހަކަ ދައްކާލެވޭ ފަހަރަކުން މަންމަގެ ވާހަކަ އަހާލެވެނީ މަދު ފަހަރަކުއެވެ.
މަންމަގެ ހަނދާން އަހަރެންގެ ސިކުނޑިން ފިލާ ދިޔަ ކަހަލައެވެ. ދިރިއުޅުމާއިގެން އަހަރެން އުޅުނީ ވަރަށް އަވަދިނެތިއެވެ.
ކޯސް ނިންމާފައި ގެއަށް އާދެވުނުއިރު ނިހާމާ ހުރީ ވަރަށް އުފަލުންނެވެ. އޭނާ ހީވަނީ ކުރިއަށްވުރެ ރީތިވެފައު ނަލަހެންނެވެ. ފަހުގެ ހެދުންތަކާއި ރީތިވާ ސާމާނުތަކުގެ އަސަރުތައް ކަމަށް ވެސް ވެދާނެއެވެ. ނޫނީ ނުފެނި ގިނަ ދުވަސްވުމުން ނިހާމާއަށް އޮތް ލޯބި އިތުރުވީ ކަމަށް ވެސް ވެދާނެއެވެ.
"ކޮބައިތަ މަންމަ.." ދެ ދުވަސްވީއިރު ވެސް މަންމަ ނުފެނުމުން އަހަރެން އެހީމެވެ.
"މަންމަ މި ގެއަކު ނެތް. މަންމަގެ މޮޔަކަން މާ ބޮޑަށް މައްޗަށް ދިޔައީ. އެހެންވެ އަހަރެން މަންމައަށް ފަރުވާ ކުރަން ގުރައިދުއަށް ފޮނުވާލީ. ލޯބި ގާތު އެ ވާހަކަ ނުބުނީ މާދުރުގައި ހުއްޓާ އެ ވާހަކަ ބުނުމުން ދެރަވެ ކޯސް ނުނިންމާ އަތުވެދާނެތީ." ނިހާމާ ދެރަވެލާފައި ބުންޏެވެ.
ނިހާމާގެ ރަނގަޅުކަމާއި މަންމައާއި އަހަރެންނާ މެދުގައި ވިސްނާވަރު ހިތަށް އެރުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި ހަމަސްފަހުން ލިބޭ އަހަރީ ޗުއްޓީ ނަގާފައި މަންމަ ގާތަށް ދިއުމަށް ނިހާމާއާ އެކު ނިންމީމެވެ.
މަންމަ ނެތުމުގެ އިހުސާސް ބައެއްފަހަރު ކުޑަކޮށް ނަމަވެސް އަހަންނަށް ވަމުން ދެއެވެ. މަންމަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނުވަތަ ބައެއް މީހުންގެ ތެރޭގައި މަޝްހޫރު ވެފައިވާ ނަމުން ނަމަ "މޮޔަކޮށްޓަށް" ފޮނުވާލިފަހުން، އެ ފަކީރުގެ ޚަބަރެއް އަހަންނަކަށް މާ ބޮޑަކަށް ނޭނގެއެވެ. ދުނިޔޭގައި ހުރިކަމެއް އަދި ނެތް ކަމެއް ވެސް ނޭނގެއެވެ. މި ހުރިހާ ކަމެއްގެ ހިތް ނުތަނަވަސްކަން އަހަރެންގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ.
"ކޮބާ މަންމަ ޚަބަރެއްވިތަ؟" އެއް ރޭ ނިދަން ވަދެފައި އަހަރެން ނިހާމާ ގާތު އެހީމެވެ.
މަންމައަށް ގުޅި ކަމަށާއި އެކަމާ މާބޮޑަށް ނުވިސްނުމަށް އޭނާ ބުނީ ފަރުވާ ކުޑަ ގޮތަކަށެވެ. އޭރު އޭނާ އުޅުނީ ބައިވަރު އާ ހެދުންތަކެއް ހިފައިގެން ހެޔޮވަރު ކުރާށެވެ. ނިހާމާ އަހަރެން ގާތުގައި ނިދުމަށް ޝައުގުވެރި ނުވާ ކަހަލަ އިހުސާސެއް އަހަންނަށް ކުރެވެން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.
"ހާދަ ސާމާނެއް." މިހާރަކަށް އައިސް މާގިނަ އަންނައުނާއި ސެންޓު ފަދަ ތަކެތި ގެންގުޅޭތީ އަހަރެން އެހީމެވެ.
"ހޫން. މީ ކަލޭ ބެހެން ޖެހޭ ކަމެއް ނޫން. ލިބޭ މަދު މުސާރައިން މިކަހަލަ ތަކެތި ގަނެނުދެވެންޏާ މީހުން އަތުން ހޯދާނެ ދޯ." ނިހާމާ ރުޅި ހަދާލާފައި ސިޓިން ރޫމަށް ދިޔައެވެ.
އޭނާ އެ ރޭ ނިދީ ސިޓިންރޫމު ސޯފާގައެވެ. އަހަރެން އަވަސް އަރުވާލައިގެން ކުރި ކައިވެނިން ލިބެންވާ ހަގީގީ އުފަލެއް ނުލިބޭކަން އިހުސާސް ކުރެވެމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނިހާމާ މިޒާޖު ހުންނަގޮތުން މާބޮޑަށް މަންމަ މަތީން ވެސް ހަނދާން ވާން ފަށައިފިއެވެ.
މަންމައަށް އެހީތެރިވެދޭން ކުރެވުނު ކައިވެނިން މަންމައަށް އެއްވެސް އުފަލެއް ނުލިބޭކަން އަހަރެންނަށް އިހުސާސްވިއެވެ. އެހެންކަމުން އަހަރެން ނިންމީ މާދަން ގުރައިދުއަށް ގޮސް މަންމަ ގެންނާށެވެ. ޗުއްޓީއެއް ނަގައިގެން މަންމަ ގާތު ދުވަސްކޮޅަކު މަޑުކޮށްލާށެވެ. މިފަދަ ހިޔާލުތަކެއްގައި އޮއްވާ ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.
"އޭތް... އޭތް.. މަންމަ ނިޔާވެއްޖެ. އަވަހަށް ތެދުވޭ." ނިހާމާގެ އަޑަށް އަހަރެން ސިއްސައިގެން ގޮސް ހޭލެވުނެވެ.
ނިހާމާ ބުނެދިން ހަގީގަތް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މި ދަންވަރު ލިބުނު ކުއްލި ސިހުން ގެނުވި ޚަބަރުން އަހަރެންގެ ހަތަރުއުދަރެސް ފެނުޖެހުނު ކަހަލައެވެ.
މަންމަގެ މޭގައި ރިއްސާތީ އިމަޖެންސީކޮށް މާލެ ގެނައި ކަމަށް އަހަންނަށް މައުލޫމާތު ލިބުނެވެ. އަދި ހޮސްޕިޓަލަށް ގެނެސްފައި މާލަސްތަކެއްނުވެ މަންމަ ނިޔާވީކަން ވެސް އެނގުނެވެ. މި ހުރިހާ ކަމެއް ހިއްސާކުރީ ނިހާމާއެވެ. މަންމަގެ އެންމެހާ ކަމެއްގައި ގުޅަން އޮންނަނީ ނިހާމާގެ ނަންބަރެވެ.
އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާއްދާލީ މާލޭގެ އާސަހަރާ ތެރެ ހަލަބޮލި ކުރުވަމުންނެވެ. ގިނައިރު ހޭލާހުރުމުގެ ސަބަބުންނާއި ރުއިމުގެ ސަބަބުން ދެ ލޯ ވަނީ ރަތް ވެފަ އެވެ.
މަންމައަށް ދެވޭ އެންމެ ފަހުގެ ހަދިޔާ ދިނުމުގެ ވަގުތު ޖެހުނީއެވެ. މަންމަގެ މަހާނަމައްޗަށް ތިން މުށް ވެލި އަޅާފައި އަހަރެން ވެސް ސަހަރާއިން ނިކުތީމެވެ.
"މަރުވެފައިވާ މީހުން މަތީން ހަނދާން ކުރުމެއް ނެތް." ނިހާމާ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ. އޭނާގެ މޫނުމަތީގައި ދެރަވުމުގެ އެއްވެސް ނިޝާނެއް ނެތެވެ.
ފަހަކަށް އައިސް ނިހާމާގެ އުޅުން ބަދަލުވެއްޖެކަން ފާހަގަ ވާން ފަށައިފިއެވެ. ގޭތެރޭގެ މަސައްކަތްތައް ނުކުރުމެވެ. ރީތިވެގެން ބޭރަށް ނިކުތުން ފިޔަވާ އޭނާ ވިސްނާ އެހެންކަމެއް ނެތްކަހަލައެވެ. ނުވިތާކަށް ދަރިފުޅު ނީވް އަށް ވެސް އޭނާ ވިސްނާލުމެއް ނެތެވެ. ނިހާމާގެ މި އަޅާލުންކުޑަ ކަމުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަންނާ ދިމާއަށް އެއްޗެހި ކިޔައެވެ.
"ކިހާ ދެރަކަމެއް. ބޮލަށް ތުރާވާވަރަށް ޝަކުވާ ނުކޮށްބަލަ." އަހަރެން އެއްޗެކޭ ބުނެފިނަމަ ނިހާމާ ދެނީ މި ޖަވާބެވެ.
ދުވަހަކުވެސް އަހަރެންގެ ލޮލުން ކަރުނައެއް ވެއްޓިދާނެތީ ބުރަ މަސައްކަތްކުރި މަންމަ މަތީން އަހަރެން ހަނދާން ވާން ފެށިއެވެ. މަންމައަށް ކުރެވުނު އިހުމާލުގެ ހިތި ނަތީޖާއިން އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ.
"ކަލޭގެ މަންމަ ތި ގެއިން ނެރެލީ ނިހާމާ ހިލޭ ފިރިހެނުންނާ އެކު އުޅޭތަން މަންމައަށް ފެންނާތީ. އެކަމާ މަންމަ އެއްޗިހި ކިޔާތީ." ނުދަންނަ ނަންބަރަކުން އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އެ ނަމްބަރަށް ގުޅަން އުޅެއުޅެ ގުޅޭ ގޮތެއް ނުވެއެވެ. ނިއްވާލާފައި އޮންނާތީއެވެ.
އަހަރެން ނިހާމާގެ އަމަލުތަކަށް ބަލަމުން ދާތާ ހަފްތާއެއްވީއެވެ. އެނގުނު ކަމަކީ ނިހާމާ އަހަރެންގެ ކަންކަމަށް އިންތިހާއަށް ފަރުވާ ކުޑަކުރާ ކަމެވެ. އަހަރެންނާ މެދު ކަންކުރަނީ ވަރަށް ރުންކުރު ހިލޭ މީހަކަށް ކަންކުރާ ހެންނެވެ. ނިހާމާގެ ހަރުކަށިކަން ދައްކަނީ ހަމައެކަނި މަށަކަށް ނޫނެވެ. ކުޑަ ކުޑަ ނީވް އަށް އަނިޔާ ވެސް ކުރަން ފަށައިފިއެވެ.
މެސެޖް ލިބުނު ފޯނަށް އެންމެ ފަހަރަކުވެސް ގުޅޭ ގޮތެއް ނުވިއެވެ. ގޭތެރޭގައި އޮތުމަކީ އަހަރެންގެ ބޯ ހާސްވެ ދުނިޔެމަތީން ފޫހިވާ ކަމަކަށް ވެއްޖެއެވެ. ސައިކަލަށް އަރާ މާލެވަށާ ދުއްވަމުން ދިޔައީމެވެ. ހިތުގައި އަނދަމުންދާ ވޭނުގެ ގިންޏަށް ފިނިކަމެއް ލިބޭތޯއެވެ.
"ކަލޭގެ އަންހެނުން ހުޅުމާލޭގެ ގެސްޓް ހައުސެއްގައި އެބައޮތް. ބަލަން ބޭނުމިއްޔާ މި ބުނާ ތަނަށް އާދޭ." ބާރަ ޖަހަން އުޅެނިކޮށް ނުދަންނަ މީހަކު އަހަރެންނަށް ގުޅިއެވެ. އެހެން ނަންބަރަކުންނެވެ.
ހިތް އަވަސްވެފައިވާ އަހަރެން އަވަހަށް އެތަނަށް ދިޔައީމެވެ. އެ މީހާ ދިނީ ސައްހަ މައުލޫމާތެވެ. ނިހާމާ ހިލޭ ފިރިހެނަކާއެކު ކޮޓަރިން ނިކުމެގެން އެ ދިޔައީ އަހަރެންގެ ކުރިމަތީގައެވެ. ފަސްފަހަތުން އޭނާއާ އެކު ގެއަށް ވަނީމެވެ. އަދި ތަހުގީގު ފެށީމެވެ.
"އާނ. މީ އަހަރެން އަބަދު ވެސް ކުރާކަމެއް. އޭނާ ގެއަށް ވެސް ގެންނަން. މިހާރު ކަލޭ އަބަދު ގޭގަ އޮންނާތީ އެތަނަށް ދާން މަޖުބޫރުވީ." ނިހާމާ އެރޭ ޒުވާބުކުރަމުން ބުންޏެވެ.
އޭނާ އެންމެފަހުން ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ ސިއްރެއް އޭނާގެ އަމިއްލަ ދުލުން ބޭރުކުރިއެވެ. އަމިއްލަ ނަފްސު ބޭޒާރު ކޮށްލިއެވެ. މަންމަ މި ގެއިން ފޮނުވައިލީ ނިހާމާ ބޭނުންވާ ގޮތަށް ނޫޅެވޭތީ ކަމެވެ. އަދި މަންމަ ފޮނުވާލުމުން ވެސް އަހަންނާ ހެދި ނޫޅެވޭ ވާހަކަ ބުނެ މަންމަ އާއި ދިމާއަށް ހުތުރު ބަސްތައް ގޮވާން ފެށިއެވެ. އަހަރެންގެ ގާތަށްއައީ އަމަށަކު ރުޅި އެއް ނޫނެވެ.
"ކަލޭގެ ހުރި ގޮތްކުޑަކަން ދެކިބަލަ. ކަލޭ އުޅޭގޮތް މަށަށް އެނގޭ. ބުނާނެ މީހުން ވެސް ވޭ." އަހަރެން ބާރުބާރަށް ނިހާމާގެ މޫނަށް ހޫނު އެތިފަހަރެއް އަޅައިލީމެވެ.
"އާނ... އަހަންނަށް އެނގޭ އެ މައުލޫމާތު ކަލެއަށް ލިބޭނެކަން. އިބުރާހީމުގެ އަންހެނުން އަބަދު އެ އުޅެނީ އަހަރެން ބޭޒާރު ކުރާނެ ގޮތެއް ނޭނގިގެން." ނިހާމާ ހަޅޭއްލަވައިގަތެވެ.
ނިހާމާ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. ހިތަށް އަރާހާ އެއްޗެއް ކިޔަމުން ގެއިން ނުކުތީ އޭނާ ހިތާވާ އިބުރާހީމް ގާތަށް ދާން ކަމަށް ވެދާނެއެވެ. އަހަރެން ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ނީވް އުރާލައިގެން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތީމެވެ.
"މަންމާ.." އަހަރެންނަށް މި އަޑުއިވުނީ ބިރުވެރި ގޮތަކަށެވެ. ސިއްސައިގެން ދިޔައީ އަންހެނެއްގެ ހަޅޭކުގެ އަޑަށެވެ. އަހަންނަކަށް އެއަޑެއް ނޯޅޭނެއެވެ.
އެ އަޑަކީ ނިހާމާގެ އަޑުކަން ޔަޤީން ވުމާއެކު، ބޭއިޚްތިޔާރުގައި ދުވެފައި ގޮސް ބޭރަށް ނުކުމެވުނެވެ. ދަންވަރުގެ ހިމޭންކަމުގައި ދިރޭ ފުރާނައެއް ވެސް ނެތް މަގުމަތިން ފެނުނު މަންޒަރުން އަހަންނަށް ހީވީ ދުނިޔެ ނުއަތަށް އެނބުރިގެން ދިޔަހެންނެވެ. ލެއިން ތަތްތެޅިފައި އޮތް ނިހާމާގެ ފުރާނަނެތް މަސްގަނޑާއި ދިމާއަށް ދުއްވައި ގަނެވުނެވެ. ތަންކޮޅެއް ދުރުގައި ސިގްނަލް އަޅާލަ އަޅާލަ އޮތް ރަތްކާރުން އަންހެނަކު ފައިބާ އަހަރެންނާ ދިމާއަށް އައެވެ.
"މި ނިމުނީ.. މީހެއްގާތު ނުބުނާތި!" އެމީހާ ކާރަށް އަރާ ދުއްވާލިތަން ބަލަން އަހަންނަށް ހުރެވުނީއެވެ.
ހަމަ އެ ވަގުތު ކުއްލިއަކަށް އަހަރެންގެ ސިކުނޑީގެ އެއް ކަނެއްގައި ހިރަފުސް އަރައިފައި ހުރި ހަނދާންތައް އާވެގަތް ކަހަލައެވެ. ދުނިޔެ މަތީގައިވާ އެންމެ ރީތި ލަފްޒު އަހަރެމެންގެ ދުލާ ހަމައަށް އައިގޮތެއް ވެސް ނޭނގެއެވެ. އަހަންނަށް އެ ތިން އަކުރުގެ ލަފުޒު ތަކުރާރު ކޮށްލެވުނެވެ.
"މަންމާ...." އަހަންނަށް ވެސް މަންމާއޭ ކިޔާ އަޑުގެ ނެތްކޮޅަށް ގޮވާލެވުނެވެ.
ނިހާމާގެ ކަށުކަމާކެމީގެ ކަންކަން ނިމުނުހާ އަވަހަށް ނީވް ގޮވައިގެން އަހަރެން ގުރައިދޫއަށް ފުރީމެވެ. ރަތްކާރު ދުއްވަން އިން އަންހެންމީހާއަކީ އަހަރެން ދުވަހަކު ވެސް ދިމާވި މީހަކަށް ނުހަދަމެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ދޮރުމައްޗަށް އެރުމާއެކު، އަހަންނަށް އިހުސާސް ކުރެވުނީ ހަމަހިމޭންކަމެވެ.
މަރުކަޒުގެ ދޮރުމައްޗަށް އެރުމާއެކު އަހަންނަށް އިހުސާސް ކުރެވުނީ މަރުގެ ހަމަހިމޭން ކަމެވެ. ދުނިޔޭގެ ހުރިހާ ދުވަހަކު އަހަންނަށް މަންމަގެ ހަނދާނެއް ނުނެތުނެވެ. ކުޑަކުޑަ ނީވްއާ އެކު އަހަރެން އެތަނަށް ވަރަށް ގިނައިން ޒިޔާރަތް ކުރަމެވެ. އެތަނުގައި ތިބޭ ބަލިމީހުންނަށް އެހީތެރިވަމެވެ. އަހަރެންގެ ކުށުގެ ކައްފާރާއެއްގެ ގޮތުންނެވެ. ނަމަވެސް އަބަދު ވެސް ހިތުގައި ވިކަމުންދާ ލަފުޒެއްވެއެވެ.
މަންމާއެވެ! އަހަންނަށް މައާފު ކުރާށެވެ. އަނިޔާވެރިންގެ ކަންކަން ނިންމަން އެއަށްވުރެ ބޮޑު އަނިޔާވެރިއެއް މެދުވެރި ވެއެވެ.
ނިމުނީ